28 Feb 2016, 13:43
އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލްތަކަށް މި އަހަރުން ފެށިގެން "ކަންގަތި" އެވޯޑުގެ ނަމުގައި ހާއްސަ އެވޯޑެއް ދޭން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.
އެލްޖީއޭ އިން ބުނީ އެ އެޥޯޑު ދިނުމަށް ނިންމާފައި ވަނީ ކައުންސިލްތަކުގެ މަސައްކަތް ރޭންކުރަން އެލްޖީއޭއިން ތައްޔާރުކުރި ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސް އަށް ބަލައިގެން ކަމަށެވެ.
އެގޮތުން އެ އިންޑެކްސް އަށް ބަލައިގެން އެލްޖީއޭއިން މިހާރު ވަނީ ކައުންސިލްތައް ރޭންކްކޮށްފަ އެވެ.
އެލްޖީއޭގެ ބޯޑުން އެވޯޑް ދިނުމަށް ނިންމާފައި ވަނީ ތިން ދާއިރާއަކުންނެވެ. އެއީ އަތޮޅު ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ކައުންސިލަކަށާއި ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ކައުންސިލަކަށާއި ކޮންމެ އަތޮޅަކުން އެންމެ ރަނގަޅު ކައުންސިލަކަށެވެ.
ތިން ކެޓަގަރީ އަކުން ޖުމުލަ 28 ކައުންސިލަކަށް އެވޯޑް ދިނުމަށް ނިންމާފައި ވާއިރު، އެވޯޑު ދިނުން އޮންނާނީ ލާމަރުކަޒީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ލާމަރުކަޒީ ދުވަހުގެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ދަރުބާރުގޭގެ އެވެ.
"ކަންގަތި" އަކީ އިހުޒަމާނުގައި ރަށްރަށުގެ ވެރިންނަށް ރަސްރަސްކަލުން ދެއްވާ ކޮލީގެ އިއްޒަތަކެވެ. މި ގޮތުން ކަންގަތި ކޮލީގެ އިއްޒަތަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ދެމުންދިޔަ އިއްޒަތެކެވެ.