މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ އޮޑިޓް ރިޕޯޓުގައި ބޭންކުތަކުގެ އޮޕަރޭޝަނަލް ކަންތައްތަކާ ގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ މައްސަލަތައް ބެލުމަށް އިންޓަރީ މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެހީތެރިކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން އެދެފި އެވެ.

އެސިސްޓެންޓް ގަވަރުނަރު، ފައިނޭޝަލް ސްޓެބިލިޓީ ނީޒާ އިމާދު މިއަދު ސަން އަށް ވިދާޅުވީ ބޭންކިންގެ ކަންކަން ބެލުމަށް އައިއެމްއެފްގެ ޓެކްނިކަލް ލަފާއަށް އެދިފައިވާ ކަމަށާއި އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވެސް ކޮންފަރެންސް ކޯލެއް މެދުވެރިކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އައިއެމްއެފްގެ އެހީއަކަށް އެދިގެން މިއުޅެނީ. އެހީއަކަށް އެދިގެން މިއުޅެނީ އޮޕަރޭޝަން ރިސްކް ބަލާލަން." މަނީލޯންޑްރިންގެ މައްސަލަތައް ބެލުމުގައި އެމްއެމްއޭގައި ކުރިން ހަރަކާތްތެރިވެފައިވާ ނީޒާ ވިދާޅުވި އެވެ.

އައިއެމްއެފް އިން ލަފާދޭނީ ބޭންކުތައް ހިންގުމުގައި މައްސަލައެއްވާ ނަމަ އެކަންކަން ބަލާނެ ގޮތްތަކެއްގެ މައްޗަށް ކަމަށް ވެސް ނީޒާ ވިދާޅުވި އެވެ.

ބޭންކުތަކުގެ ތެރެއިން މައްސަލައެއް ހުރިތޯ އެމްއެމްއޭ އިން ކުރިއަށްގެންދާ ތަހުގީގާ ގުޅޭ ގޮތުން ނީޒާ ވިދާޅުވީ ފައިނޭޝަލް ސްޓެބިލިޓީ ޔުނިޓުން ފައިނޭންޝަލް ދާއިރާގެ އެސެސްމެންޓެއް ހަދަން ޖެހޭ އިރު ބޭންކިން އޮޕަރޭޝަން އާއި ސިސްޓަމްތަކުގައި މައްސަލައެއް ހުރިތޯ އެފަރާތުން ބަލަމުންދާ ކަމަށެވެ.

މިހާރު މަސައްކަތް ކުރެވެނީ އެކަންކަން ބެލާނެ ދާއިރާއެއް ކަނޑައެޅުން ކަމަށާއި އުންމީދަކީ ވީހާ ވެސް އަވަހަކަށް އެ މަސައްކަތް ނިންމާލުން ކަމަށް ނީޒާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރަން ޖެހޭ ގާތްތަނޑަކަށް 65 މިލިއަން ޑޮލަރު ހިމެނޭ 60 އަށް ވުރެ ގިނަ ޗެކްތައް އެ ކުންފުނިން ބޭންކަށް ފޮނުވާފައިވާ ބޯޑް ރިޒޮލިއުޝަނާ ހިލާފަށް އެކުންފުނީގެ ދެމުވައްޒަފުން ސޮއިކުރުމުގެ ބަދަލުގައި އެންމެ މީހެއްގެ ސޮޔާ އެކު އެކިފަހަރު މަތިން އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށްދީފައި ވާތީ، އެކަންހިނގާފައިވާ ގޮތް ތަހުގީގުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި އަންގަވާފައިވެ އެވެ.