25 Apr 2011, 08:04
ސަންޢާ : ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިިޙް 30 ދުވަހުގެ ތެރޭގައި ވެރިކަމުން ފާބައިވަޑައިގަތުމަށް އެއްބަސްވެ ވަޑައިގެންފައިވީ ނަމަވެސް މިކަމަށް ސާލިޙް އިޙްތިރާމް ނުކުރައްވާ ކަމަށް ބުނެ އޭނާގެ ވެރިކަން ވައްޓާލުމަށް ކުރެވޭ މުޒާހަރާތަކައިގެން ޔަމަނުގެ ރައްޔިތުން ކުރިޔަށް އެބަދެއެވެ.
ޔަމަންގެ އިދިކޮޅު ފަރާތްތަކާއި ސާލިޙްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ރައްޔިތުންގެ ތެރޭގައި ހިމެނޭ އެކްޓިވިސްޓުންބުނާގޮތުން ވެރިކަމުން ފާބައި ވަޑައިގަތުމަށް މީގެކުރިންވެސް ސާލިޙް ވަނީ އެތަކެއް ވަޢްދު ވެވަޑައިގެންފައި ކަމަށާއި ނަމަވެސް މިވައްދުތަކަށް އޭނާ އިޙްތިރާމް ކުރައްވާފައިނުވާ ކަމުގައެވެ.
ޔަމަނުގެ މައްސަލަ ޙައްލުކުރުމަށް ގަލްފުގެ ޤައުމުތަކުން ހުށަހެޅި ޕްލޭނެއްގެ ދަށުން ސާލިޙްވަނީ ނައިބު ރައީސަކާ ވެރިކަން ޙަވާލު ކުރެއްވުމަށްފަހު 30 ދުވަހުގެ ތެރޭގައި ވެރިކަމުން ފާބައިވަޑައިގަތުމަށް މީގެ ދެދުވަސްކުރިން އެއްބަސްވެ ވަޑައިގެންފައެވެ.
ޔަމަންގެ ސަރުކާރުން މިކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް ސާލިޙްގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކާއި ރައްޔިތުން ގުޅިގެން ކުރިޔަށްގެންދާ މުޒާހަރާތައް އިއްޔެވެސް ޔަމަންގެ ކަންކޮޅުތަކުގައި ވަރަށް ވަރުގަދައަށް ކުރިޔަށް ދިޔައެވެ.
މިމުޒާހަރާތަކުގައި އިއްޔެވެސް އެތަށް ލައްކަ ބަޔަކު ބައިވެރިވި ކަމަށް ޔަމަނުން ލިބޭ ޚަބަރުތައް ބުނެއެވެ. ޔަމަންގެ އިދިކޮޅު ފަރާތްތަކުންވަނީ ސާލިޙްގެ ދިގުލީ ވެރިކަން ދަމަހައްޓަން އެންމެ ބޮޑަށް މަސައްކަތްކުރާ ފަރާތަކީ އެމެރިކާކަމަށް ތުހުމަތުކޮށްފައެވެ.
އެމެރިކާ، އެއްކޮޅުން ސާލިޙްގެ އިސްތިއުފާއަށް ގޮވާލާއިރު އަނެއްކޮޅުން ސާލިޙް ވެރިކަމުގައި ބެހެއްޓުމަށް ސިއްރިޔާތުގައި ހިއްވަރުދެމުން ގެންދާ ކަމަށް ބައެއް އެކްޓިވިސްޓުންނާއި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އެމެރިކާވަނީ ޔަމަންގައި އަލްޤާޢިދާ ފައިހަރުކޮށްލާފައި ކަމަށްބުނެ ސާލިޙްގެ ވެރިކަމުގެ ނިޒާމްގެ ތެރެއިން ޔަމަނަށް ވަރަށް ބޮޑަށް އަތްގަދަކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ސާލިޙްގެ ވެރިކަން ވެއްޓިއްޖެނަމަ އެމެރިކާގެ ނުފޫޒުން ސަލާމަތްވެ ޔަމަންގެ ވެރިކަން ރައްޔިތުންގެ އަތްމައްޗަށް ދާނެތީ އެމެރިކާ ކަންބޮޑުވާ ކަމަށް މުހައްލިލުންގެ މިރިޕޯޓްތައް ބުނެއެވެ.
ސާލިހްވަނީ އޭނާގެ ވެރިކަން ވައްޓާލުމަށް ރައްޔިތުން އުތުރިއަރާ އުތުރިއެރުންތަކަކީ ޣައިރު ޤާނޫނީ އިންޤިލާބެއް ކަމަށް ސިފަކުރައްވާފައެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް