ގައިން ގަޔަށް އަރާ އެއްވެސް ބައްޔެއް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ ގައިގަ ނެތް ކަމަށް ޑރ. ރިޕޯޓުތަކުން ދައްކައިފި އެވެ.

ނިހާނު މިއަދު ވަނީ ހެނދުނު 8:30ގައި އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެން ގައިން ގަޔަށް އަރާ އެއްވެސްް ބައްޔެއް އޭނާގެ ގައިގައި ހުރިތޯ ބެލުމަށްޓަކައި އޭނާގެ ކުޅުން ޓެސްޓެއް ހަދާފަ އެވެ.

ނިހާނު ވަނީ ނޫސްވެރިންގެ ކުރިމަތީގައި މިއަދު އޭނާ ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓުގެ ނަތީޖާ ނޫސްވެރިންގެ ކުރިމަތީގައި ނެގުމަށްފަހު ޓެސްޓުގެ ނަތީޖާ ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ.

ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުގައި ނިހާނުގައި ގައިގާ ގައިންގަޔަށް އަރާ އެއްވެސް ބައްޔެއް ނެތެވެ.

ޓެސްޓުގެ ނަތީޖާ ނޫސްވެރިންނާ ހިއްސާ ކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ނިހާނު ވިދާޅުވީ، އެފަދަ ޓެސްޓެއް އޭނާ ހަދަން ޖެހިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގައި ދާދިފަހުން ހިނގާދިޔަ ހާދިސާއެއްގެ ތެރެއިން އޭނާގެ އަނގައިން އިދިކޮޅު އެމްޑީޕީއާ ނިސްބަތްވާ މެމްބަރު ރޮޒެއިނާ އާދަމްގެ ގަޔަށް ފެން ދިއުމުގެ ސަބަބުން އޭނާގެ ގައިގައި ގައިން ގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ރޮޒެއިނާ ވިދާޅުވެފައި ވާތީ ކަމަށެވެ.

"ކޮންމެ ރިޒަލްޓެއް އައި ކަމުގައިވީ ނަމަވެސް މިކަން ހާމަކޮށްދެން ޖެހޭނެކަން ގަބޫލު ކުރެވޭތީވެ، މިކަން މިކުރީ. ކޮންމެހެން ނުޖެހޭ މީހަކު ހަމަ ގޮވާލާއިރު ޓެސްޓުކުރަން އަންނާކަށް،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ އެ ޓެސްޓުގެ ކޮޕީއެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އަތްޕުޅަށް އަރުވާނެ ކަމަށެވެ.

ރޮޒެއިނާ އިއްޔެ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ނިހާނު ޓީބީ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވިދާޅުވެފައިވާ ކަމަށެވެ.

ރޮޒެއިނާ ވަނީ ނިހާނުގެ އަނގައިގައި ހުރި ފެން ރޮޒެއިނާގެ މޫނަށް ބުރުއްސާލި މައްސަލަ އިންޓަ ޕާލިމަންޓު ޔޫނިއަން (އައިޕީޔޫ) އަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.