28 Feb 2016, 12:15
ބާރަ ނުކުތާ ފާހަގަކޮށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް މިއަދު އިސްތިއުނާފުކޮށްފި އެވެ.
އިމްރާންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު "ސަން"އަށް ވިދާޅުވީ އެ މައްސަލައިގެ އިސްތިއުނާފު ލިޔުންތައް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ދެން ޖެހޭނީ އެ ލިޔުންތައް ހައިކޯޓަށް ފޮނުވާށެވެ. އިމްރާނަށް އިއްވި ޓެރަރިޒަމްގެ ހުކުމުގައި ގާޒީ އަބްދުލް ބާރީ ޔޫސުފް ވެސް ފާހަގަކުރައްވާފައި ވަނީ 12 ނުކުތާ އެވެ.
އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އެވެ.
އިމްރާންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދިނީ އިމްރާން މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ޝަތީއަތަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެ އެވެ.