28 Feb 2016, 12:17
އިސްލާމީ 35 ގައުމު ހިމަނައިގެން ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެކުލަވާލި އަސްކަރީ އެލަޔަންސް "ނޯތު ތަންޑާ" ގެ ހަރަކާތްތައް ސައުދީ އަރަބިއްޔާގައި އިއްޔެ ފަށައިފި އެވެ.
ސައުދީ ގެޒެޓުގައި ބުނެފައި ވަނީ ސައުދީ އަރަބިއްޔާގެ އުތުރުގެ ސަރަހައްދެއްގައި ލަޝްކަރުގެ ތަމްރީނުތައް ފަށާފައި ވަނީ 20 ގައުމަކާ އެކު ކަމަށެވެ. އެ ގައުމުތަކަކީ ޔޫއޭއީ، އުރުދުން، ބަހްރެއިން، ސެނެގާލް، ސޫދާން، ކުވައިތު، ދިވެހިރާއްޖެ، މޮރޮކޯ، ޕާކިސްތާން، ތުރުކީ، ތޫނިސް، ގަތަރު، އޮމާން، މެލޭޝިޔާ، މަޣްރިބް، ކޮމޯރޯސް، ޖިބޫތީ، މޮރިޝަސް، ޗާޑް އަދި މިސްރު އެވެ.
ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެކުލަވާލި އަސްކަރީ އެލަޔަންސަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެކުލަވާލާފައިވާ އެލަޔަންސެކެވެ. އެއީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ގިނަ ގައުމަކުން ބައިވެރިވާ އެންމެ ބޮޑު ލަޝްކަރެވެ.
އިއްޔެ ފެށުނު ތަމްރީނުތަކުގައި ވެސް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދާނީ ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް ހިންގާ ކުދި އަދި ބޮޑެތި އޮޕަރޭޝަންތަކުގައި ބޭނުން ކުރާނެ އުކުޅުތައް ކަމަށް ސައުދީ ގެޒެޓުގައި ބުނެފައިވެ އެވެ.
ސައޫދީ އަރަބިޔާއަކީ އައިއެސްއާ ދެކޮޅަށް އެމެރިކާ އިން އެކުލަވާލާފައިވާ ކޯލިޝަންގައި ވެސް ހިމެނޭ ގައުމެއް ނަމަވެސް އެލަޔަންސުން ހަނގުރާމަކުރާނީ ހަމައެކަނި އައިއެސް ޖަމާއަތާ ދެކޮޅަށް ނޫންކަމަށާއި ޓެރަރަރިސްޓް ހުރިހާ ޖަމާއަތްތަކަކާ ދެކޮޅަށްވެސް އެއެލަޔަންސުން ހަނގުރާމަ ކުރާނެ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.