28 Feb 2016, 11:41
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ފުލުހުންނަށް ފިލަން ދުވި ކަމަށް ބުނެ ފަސް ފުލުހަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސްދީފި އެވެ.
މަހުލޫފުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ބަންދާމެދު ގޮތެއް ނިންމުމަށްފަހު މިދިޔަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު ފުލުހުންގެ ވެހިކަލަށް އެރުމަށް ތަކުރާރުކޮށް އެންގުމުން އެކަމަށް ދެކޮޅު ހަދައި ފިލަން އުޅެފައިވާތީ ކަމަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވަނީ ވިދާޅުވެފަ އެވެ.
އެމައްސަލާގައި ހެކިބަސް ނެގުމަށް މިއަދު ބޭއްވި އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ހަތަރު ފުލުހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. ހެކިބަސް ދެމުން ހަތަރު ފުލުހުންވެސް ބުނެފައިވަނީ އެދުވަހު ފުލުހުންގެ ވެހިކަލަށް އެރުމަށް މަހުލޫފަށް އެންގުމުން ފިލަން މަސައްކަތްކުރި ކަމަށާއި ފުލުހުންގެ ވެހިކަލާ ދުރަށް ހިލާލީގެއާ ދިމާލަށް އޭނާ ދުއްވައިގަން ކަމަށެވެ.
އެމައްސަލާގައި ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ދެ ނޫސްވެރިންގެ ހެކިބަސްވެސް މިއަދު ވަނީ ނަގާފަ އެވެ. އެއީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ، ލ. ގަން، ބީޗްހެވަން މުހައްމަދު ވިސާމްގެ ނަމާއި ވީޓީވީގެ، ނޫސްވެރިޔާ ހއ. ތަކަންދޫ ވެޔޮދަށުގެ އަހްމަދު ހަމީދު އާދަމްގެ ހެކިބަހެވެ. ހެކިބަސް ދެމުން އެދެމީހުންވެސް ބުނެފައިވަނީ މަހުލޫފު ފިލަން ދުވިތަނެއް ނުދެކޭ ކަމަށެވެ. ނަމަވެސް މަހުލޫފު އަންހެނުންނާ ކައިރިއަށް ސަލާމް ކޮށްލަން ދިޔަ މަންޒަރު ފެނުނު ކަމަށް ދެ ނޫސްވެރިންވެސް ވަނީ ބުނެފަ އެވެ.
ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އަދި އެއްފުލުހެއްގެ ހެކިބަސް މިއަދު ނުނެގޭތީ ދެން ޝަރީއަތް އޮންނަ ދުވަހެއްގައި އެ ފުލުސް މީހާގެ ހެކިބަސް ނެގުމަށް ވަނީ ނިންމާފަ އެވެ.
މަހުލޫފުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާ އުފުލާފައިވަނީ ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ.