28 Feb 2016, 12:59
ހެންވޭރުގައި އިމާރާތް ކުރަމުން ދިޔަ ގެއެއްގެ މަތިން ވެއްޓުނު ދަގަނޑު ގަނޑަކުން ޖެހި މިދިޔަ ހޮނިހިރު ދުވަހު ޒަހަމްވި ބިދޭސީމީހާ އަދި ވެސް ހޭނާރާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު "ސަން" އަށް ވިދާޅުވީ އޭނާ އަށް މިހާރު ވެސް ފަރުވާ ދެމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް އޭނާ ހޭނާރާ ކަމަށެވެ.
"އޭނާ އަދި ވެސް އޮތީ ހަމަ ސޭމް ކޮންޑިޝަންގައި. އަދިވެސް ހޭނާރާ. ނޭވާލަމުން ވެސް ގެންދަނީ މެޝިނުގެ އެހީގައި." ޒީނަތު ވިދާޅުވި އެވެ.
މޫކައި ހޮޓާ ކައިރި، ދީފްރޭމް ގޯޅިގަނޑުގައި އިމާރާތް ކުރަމުން ދިޔަ ގެއަކުން ވެއްޓުނު ދަގަނޑުގަނޑަކުން ޖެހި ޒަހަމްވި ބިދޭސީ މީހާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އައިޖީއެމްއެޗުން ވަނީ މި މަހުގެ 20 ވަނަ ދުވަހު އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. ނަމަވެސް އޭނާގެ ހާލު އަދިވެސް ރަނގަޅެއް ނުވެ އެވެ.
ފުލުހުން ބުނީ އެ މީހާގެ ބޮލުގައި ދަގަނޑުގަނޑަކުން ޖެހުނީ އެ ހާދިސާ ހިނގި އިމާރާތުގެ ސިޑި ގޮޅީގައި މަސައްކަތް ކުރަން ހުއްޓާ ކަމަށެވެ. ދަގަނޑުގަނޑު ވެއްޓުނީ ނުވަ ބުރީގެ އެ އިމާރާތުގެ އެންމެ މަތިންނެވެ.