28 Feb 2016, 11:48
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ކުންފުނީގެ ބުރާންޗުތައް ހުޅުވައިފި އެވެ.
ވ. ފެލިދޫގައި މިއަދު ހުޅުވި އެ ކުންފުނީގެ 29 ވަނަ ބުރާންޗަކީ އިޔާދަކުރެނިވި ހަކަތައިން ހިންގޭ ގޮތަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ބުރާންޗު ވެސްމެ އެވެ.
ބީއެމްއެލްގެ ފެލިދޫ ބުރާންޗު ހުޅުވައި ދެއްވީ އެންވައިރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އެއީ ބީއެމްއެލް އިން ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓް ޕްރޮގުރާމުގެ ދަށުން ހުޅުވި ބްރާންޗެކެވެ. އެ ބުރާންޗުގައި މުޅިން ވެސް ބޭނުންކުރަނީ އަވިން ލިބިދޭ ހަކަތަ އެވެ.
ބްރާންޗު ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މިއަދު ހުޅުވި އާ ބުރާންޗާ އެކު ރަމްޒުކޮށްދެނީ ބޭންކުން މުޅި ރާއްޖޭގައި ބޭންކުގެ ހިދުމަތް ފުޅާކުރުމަށްދޭ އިސްކަމާއި މުޖުތަމައުއަށް އެހީތެރިވުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ކަމަށެވެ.

ފެލިދޫ ބުރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭންކްގެ ސީއީއޯ އެންޑްރޫ ވާހަކަ ދައްކަވަނީ-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިން ބުނީ ފެލިދޫ ބުރާންޗުގެ އޭޓީއެމްތަކުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބިގެންދާއިރު ލޯނަށް އެދުން ފަދަ ބޭންކުގެ ހިދުމަތްތައް އެ ބުރާންޗުން ލިބިގެންދާނެ ކަމަށެވެ.
ނަވާވީސް ބްރާންޗާއި، 76 އޭޓީއެމް އާއި 3100 ޕީއީއޯއެސް އާއި 177 ކޭޝް އޭޖެންޓުން އަދި 10 ސެލްފްސާވިސް ބޭންކިން ސެންޓާ އާއި ފަސް ދޯނި ބޭންކިންގް ޔުނިޓް އެކުލެވޭ ބޭންކިންގް ވިއުގަޔަކާ އެކު ބީއެމްއެލް އިން އަންނަނީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ދެމުންނެވެ.