28 Feb 2016, 10:02
ޔޫއޭއީ ގައި ދިރިއުޅޭ ދިވެހިންނާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ހާލު ބައްލަވައިފި އެވެ.
މިނިސްޓަރު ދުންޔާ ދިވެހިންނާ ބައްދަލުކުރައްވާފައި ވަނީ ޔޫއޭއީ ގައި ދިވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ ރިސެޕްޝަނެއްގެ ތެރެއިންނެވެ. އެ ރިސެޕްޝަންގައި ޔޫއޭއީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ދުންޔާ ޔޫއޭއީ އަށް ވަޑައިގަތީ އިއްޔެ އެވެ.
މިނިސްޓަރުގެ ދަތުރުފުޅަކީ ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓަރުގެ ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީންގެ ސިޓީފުޅެއް ޔޫއޭއީގެ ރައީސަށް އަރުވާނެ އެވެ. އޭގެ އިތުރުން ޔޫއޭއީގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާކުރައްވާނެ އެވެ.
އެ ދަތުރުގައި، ރާއްޖެ އިން ޔޫއޭއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދު އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގް ވެސް ބައިވެރިވެ އެވެ.