ކުވައިތު : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އެޤައުމުގެ އިދިކޮޅު އިންތިޤާލީ މަޖިލީހަށް ކުވައިތުން 177 މިލިޔަން އެެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދީފިއެވެ.

ކުވައިތަށް މިހާރު ވަޑައިގެން އުޅުއްވާ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލާއެކު ކުވައިތުގެ ވެރިރަށުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ކުވައިތުގެ ޚާރިޖީ ވަޒީރު މުޙައްމަދު ސަބާޙް އައްސާލިމް އައްސަބާޙް ވިދާޅުވީ ލީބިޔާގެ ވަގުތީ ސަރުކާރުގެ ގޮތުގައި ޙަރަކާތްތެރިވާ އިންތިޤާލީ މަޖިލީހުގެ ދަށުގައިވާ ލީބިޔާގެ ސަރަޙައްދުތަކުން ލިބޭ އާމްދަނީން ކަވަރ ކުރެވެނީ އެސަރަޙައްދުތަކުގައި ވެރިކަން ހިންގުމަށް ބޭނުންވާ ފައިސާގެ 40 އިންސައްތަ ކަމަށްވާތީ މިނިވަންވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ލީބިޔާ ރައްޔިތުންނަށް މާލީ އަވަސްއެހީ ބޭނުންވާ ކަމުގައެވެ.

ކުވައިތެކޭ އެއްގޮތަށް ލީބިޔާއަކީ ތެލުގެ މުއްސަނދި ކަން ލިބިގެންވާ ޤައުމެއް ނަމަވެސް ލީބިޔާގެ ތެލުގެ ސަރަޙައްދުތަކުގެ ތެރެއިން އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ކޮންޓްރޯލްގެ ދަށުގައިވާ ތަންތަނުން ތެޔޮ ބޭރުކޮށް ވިއްކުމުގެ މަސައްކަތް އަދި ރަނގަނޅަށް ހިނގައެއް ނުގަނެއެވެ.

ނަމަވެސް އިންތިޤާލީ މަޖިލީހުގެ ކޮންޓްރޯލްގެ ދަށުގައިވާ ތުބްރުޤްގެ އަލްޙުރޭޤާ ބަނަދަރުން ދާދިފަހުން ވަނީ ތެލުގެ ޝިޕްމަންޓެއް ބޭރުކޮށްފައެވެ. ޤަތަރާއި އިޓަލީން ގެންދަނީ އިދިކޮޅު ފަރާތްތަކުގެ ދަށުގައިވާ ސަރަޙައްދުތަކުން ތެޔޮއެސްޕޯޓް ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް އެހީތެރިވަމުންނެވެ.

ކުވައިތަކީ ގައްޒާފީގެ ސަރުކާރުގެ ބަދަލުގައި ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހަކީ ލީބިޔާ ރައްޔިތުން ތަމްޘީލްކުރާ ސަރުކާރުކަމަށް އިޢްތިރާފްވެފައިވާ ޢަރަބި ޤައުމެކެވެ.

ކުވައިތުގައި ވާހަކަ ދައްކަވަމުން ޢަބްދުލްޖަލީލު ވިދާޅުވީ އެކުވެރި އަދި ރަޙްމަތްެތެރި ބައެއް ފަރާތްތަކުން އިދިކޮޅު ހަނގުރާމަވެރިންނަށް ދާދިފަހުން ލުއި އަދި މެދުފަންތީގެ ހަތިޔާރުތަކެއް ލިބުނުކަމަށާއި ލީބިޔާގައި ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މިސްރާތާ ގައްޒާފީގެ ބާރުތަކުގެ ކިބައިން ސަލާމަތްކޮށް މިނިވަންކުރީ މިހަތިޔާރުތަކުގެ އެހީގައި ކަމުގައެވެ.

ޢަބްދުލްޖަލީލްވަނީ ދާދިފަހުން ޔޫރަޕްގެ ބައެއް ޤައުމުތައް ކަމަށްވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި އިޓަލީއަށް ޒިޔާރަތްކުރައްވައި އެޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. -- އަލްޖަޒީރާ / ޖަވާދު