ހދ. އަތޮޅު ކައުންސިލްގެ ކުރިއަށް އޮތް އަހަރަށް ރައީސަކާއި ނައިބު ރައީސަކު އިންތިހާބުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކައުންސިލުގެ އާންމު ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ނޮޅިވަރަމު ދާއިރާގެ މެމްބަރު އަހުމަދު އިބްރާހީމެވެ. އަދި ނާއިބު ރައީސަކަށް އިންތިހާބު ކުރީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަބުދުއްލަތީފް ހަސަން އެވެ.

ރައީސް އަދި ނައިބު ރައީސްކަމަށް އިތުރު މެމްބަރަކު ކުރިމަތިލައްވާފައި ނުވާއިރު، ދެ މެމްބަރުން އިންތިހާބު ކުރީ ޖަލްސާގައި ބައިވެރިވި ހަ މެމްބަރުންގެ އިއްތިފާގުން ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

ހދ. އަތޮޅު ކައުންސިލްގެ ހިންގާ ގަވާއިދުގައިވާ ގޮތުން ކައުންސިލްގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުގެ މުއްދަތަކީ އެއް އަހަރެވެ.

ކުރިން އެ އަތޮޅު ކައުންސިލްގެ ރައީސްގެ ގޮތުގައި ހުންނެވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޘަޤީފް އެވެ. ނައިބު ރައީސް އަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ އަތޮޅު ކައުންސިލަރު އަހްމަދު އާތިފެވެ.