ވޮޝިންޓަން (ފެބްރުއަރީ 28): އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބާއްވަމުންދާ ޕްރައިމަރީތަކުގެ ތެރެއިން، ސައުތް ކެރޮލައިނާގައި އޮތް ޕްރައިމަރީން ހިލަރީ ކްލިންޓަން ބޮޑު ތަފާތަކާއެކު ކުރި ހޯއްދަވައިފި އެވެ.

އިއްޔެ އޮތް ޕްރައިމަރީ ހިލަރީ ކާމިޔާބު ކުރެއްވީ 73.5 ޕަސެންޓް ވޯޓުންނެވެ. އަދި ހިލަރީއާ ވާދަކުރައްވަމުން ގެންދަވާ ބާނީ ސޭންޑާސްއަށް ލިބިވަޑައިގަތީ 26 ޕަސެންޓް ވޯޓެވެ.

މީގެ ކުރިން ހިލަރީ ވަނީ ތިން ސްޓޭޓެއްގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފަ އެވެ. ސޭންޑާސްއަށް ކުރި ހޯއްދެވުނީ ނިއު ހޭމްޕްޝަޔާ ސްޓޭޓްގެ ޕްރައިމަރީން އެކަނި އެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހިލަރީ ވިދާޅުވީ އެމެރިކާގައި "ލޯތްބާއި އޯގާތެރިކަން" އިތުރުކުރަން ޖެހޭ ކަމަށެވެ.

"މިދުވަސްވަރު ރައީސްކަމަށް ވާދަކުރާ މީހަކު އެމެރިކާގައި ލޯތްބާއި އޯގާތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ބުނުމަކީ އާދަޔާ ހިލާފު ކަމަކަމަށް ވާނެ ކަން އަޅުގަނޑަށް އިނގޭ. ނަމަވެސް، އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން މިބުނަނީ. އެމެރިކާއަށް 'ލޯތްބާއި އޯގާތެރިކަން' ބޭނުންވޭ،" ރިޕަބްލިކަން ޕާޓީގެ ގިނަ ޕްރައިމަރީން ކުރި ހޯއްދަވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ހިލަރީ ވިދާޅުވި އެވެ.

ސައުތް ކެރޮލައިނާގެ ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރުމުން ސޭންޑާސް ވަނީ ހިލަރީއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި މިހާރު ސޭންޑާސް މަސައްކަތް ކުރަމުންދަނީ އަންނަ އަންގާރު ދުވަހު 11 ސްޓޭޓެއްގައި އެއްފަހަރާ ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވެފަ އެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން ސައުތް ކެރޮލައިނާގައި މިދިޔަ ހަފްތާގައި ބޭއްވި ޕްރައިމަރީ ކާމިިޔާބު ކުރެއްވީ ބިލިއަނަރު، ޑޮނަލްޑް ޓްރަމްޕް އެވެ. (ބީބީސީ)