ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީއާ ހަވާލުކުރައްވައިފި އެވެ.

ޑރ.ޝައިނީ އާ ފޮރިން މިނިސްޓްރީ ހިންގުން ހަވާލުކޮށްފައި ވަނީ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ޔޫއޭއީ އަށް ވަޑައިގަތުމުންނެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ދުންޔާ ޔޫއޭއީ އަށް ވަޑައިގަތީ އިއްޔެ އެވެ. ދުންޔާގެ ދަތުރުފުޅަކީ ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

މިނިސްޓަރުގެ ދަތުރުގައި ރައީސް އަބްދުﷲ ޔާމީންގެ ސިޓީފުޅެއް ޔޫއޭއީގެ ރައީސަށް އަރުވާނެ އެވެ. އޭގެ އިތުރުން ޔޫއޭއީގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާކުރައްވާނެ އެވެ.