މަލްޔާލަމްގެ ފިލްމުތައް ޑައިރެކްޓު ކުރާ މަޝްހޫރު ޑައިރެކްޓަރު ރާޖޭޝް ޕިލާއީ މަރުވެއްޖެ އެވެ.

ހަބަރުތައް ބުނާގޮތުން އޭނާ މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ކޯޗީގައި ހުންނަ ޕީވީ އެސް ހޮސްޕިޓަލުގަ އެވެ. މަރުވިއިރު އުމުރަކީ 41 އަހަރެވެ.

"ޓްރެފިކް"، "މިލީ" ފަދަ މަޝްހޫރު މަލްޔާލަމް ފިލްމުތައް އުފައްދާފައިވާ ރާޖޭޝް މަރުވިއިރު، އޭނާ ދިޔައީ ލިވާއަށް ދިމާވެފައިވާ މައްސަލައަކަށް ފަރުވާ ހޯދަމުން ކަމަށް ހަބަރުތައް ބުނެ އެވެ. އަދި އޭނާ ގެ ހާލު ސީރިއަސް ވީ ނިއުމޯނިއާ ޖެހުމުން ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ރާޖޭޝްގެ ހަށިގަނޑު މިއަދު ވަޅުލުމަށް ހަމަޖެހިފައިވާ އިރު، އޭނާ މަރުވުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކުން އަންނަނީ ހިތާމަ ފާޅު ކުރަމުންނެވެ.