ސަންއާ (ފެބްރުއަރީ 27) : ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ އަރަބި އެލަޔަންސުން ޔަމަންގެ ބަޒާރަކަށް ދިން ވައިގެ ޙަމަލާތަކެއްގައި 40 މީހުން މަރުވެއްޖެ އެވެ.

މަންޒަރު ދުށްމީހުން ބުނާ ގޮތުން އެ ޙަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން ގިނަމީހުންނަކީ އެބާޒާރުން ތަކެތި ގަތުމުގައި ހަރަކާތްތެރިވަމުން ދިޔަ އާންމުންނެވެ. މިޙަމަލާތައް ދީފައިވަނީ ޔަމަންގެ ވެރިރަށް ސަންއާގެ ކައިރީގައިވާ ނެހްމު ސަރަހައްދުގައިވާ ބާޒާރަކަށެވެ.

މިޙަމަލާއާ ބެހޭ ގޮތުން ސައޫދީ އަރަބިޔާ އިން ވެސް އަދި އެގައުމާ އެކު އަރަބި ކޯލިޝަންގައި ބައިވެރިވާ ގަލްފުގެ އަރަބި ގައުމުތަކުން ވެސް ބަޔާނެއް ދީފައެއް ނުވެ އެވެ. ޔަމަންގެ ހަނގުރާމައިގެ ޙަމަލާތައް އާންމުންގެ ގެދޮރަށާއި ބާޒާރުތަކާއި ހޮސްޕިޓަލްތައްފަދަ މަދަނީ ތަންތަނަށް އަމާޒު ކުރަމުން ގެންދާތީ ބައިނަލްއަގްވާމީ ފާޑުކިޔުންތައް ސައޫދީ އަރަބިޔާއަށް އަމާޒު ވެފައިވެ އެވެ. އަދި ޔޫރަޕްގެ އިއްތިޙާދުގެ ޕާލަމެންޓުންވަނީ މިމައްސަލައާ ގުޅިގެން ސައޫދީ އަރަބިޔާއަށް ހަތިޔާރު ވިއްކުން މަނާކުރާ ގަރާރެއް މިދިޔަ ހަފްތާގައި ފާސްކޮށްފަ އެވެ.

ނަމަވެސް ޔޫރަޕިޔަން ޕާލަމެންޓްގެ އެހެން ގަރާރުތަކެކޭ އެއްގޮތަށް މިއީ އެއަށް އަމަލުކުރުން އެއިއްތިޙާދުގެ ގައުމުތަކަށް ލާޒިމްކުރާ ގަރާރެއް ނޫނެވެ. ޔޫރަޕްގެ ގައުމުތަކަކީ ސައޫދީ އަރބިޔާއަށާއި ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކަށް ހަތިޔާރު ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދަމުން ގެންދާ ގައުމުތަކަކަށްވާތީ އާންމުން ކިތަންމެ ވަރަކަށް މެރިނަމަވެސް ގަލްފުގެ ގައުމުތަކަށް ހަތިޔާރު ވިއްކުން މަނާކުރުމަކީ އެގައުމުތަކުން ކުރާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.

ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ އަރަބި އެލަޔަންސުން ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގަތީ އެގައުމުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ވެރިކަން ޙިމާޔަތް ކުރުމަށްޓަކައި މިދިޔައަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. މިއާއެކު ޔަމަންގެ ހަނގުރާމައިގެ ހުޅުގަނޑު އިތުރަށް ބޮޑުވެ ފުޅާވެފައިވެ އެވެ. ހާދީގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަނީ ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކާއި ޔަމަންގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ހޫޘީ ޖަމާއަތުންނެވެ. މިއީ އީރާނުގެ ތާއީދުލިބިފައިވާ ޖަމާއަތެއް ކަމަށްވެ އެވެ.

ޔަމަންގެ ދާޚިލީ ހަނގުރާމައިގާ މިހާތަނަށް ހަތް ހާހެއްހާ މީހުން މަރުވެ ތިރީހަކަށް ހާސްމީހުން ޒަކަމްވެ ޔަމަންގެ ގިނަ ރަށްތަކެއް ހަލާކުވެ ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)