28 Feb 2016, 08:50
ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭގެ 92 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް 800،000 އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދު ކޮށްފައި ވާތީ، ގިނަ ބަޔަކު މުގާބޭއަށް ފާޑު ކިޔަމުން އެބަ ދެ އެވެ.
އާބާދީގެ ބޮޑު ބައެއް ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަން ޖެހިފައިވާ ޒިމްބާބްވޭގައި، ގައުމުގެ ރައީސްގެ އުފަން ދުވަސް ފާހަގަ ކުރުމަށް 800،000 ޑޮލަރު ހޭދަ ކޮށްފައިވާތީ ޒިމްބާބްވޭގެ އިދިކޮޅު ފަރާތްތަކުން މިކަން ސިފަކޮށްފައި ވަނީ ވަރަށް ދަހިވެތި އަމަލެއްގެ ގޮތުގަ އެވެ.
މި ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު 92 ވަނަ އުފަން ދުވަހުގެ މުނާސަބާތައް ފާހަގަ ކުރައްވަން މުގާބޭ ފެއްޓެވީ، 92 ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލެއްވުމާ އެކުގަ އެވެ.
މަންޒަރު ބަލަން އެއްވި 10،000 އަށް ވުރެ ގިނަ ރައްޔިތުންނާ މުޚަތަބުކޮށް، މުގާބޭ ވިދާޅުވީ ޒިމްބާބްވޭގައި އެއްޖިންސުން ކައިވެނި ކުރުމުގެ މިނިވަންކަން ފަދަ ފާސިގު ކަންކަން ކުރުމަށް ދުވަހަކު ވެސް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ހުޅަނގުގެ ގައުމުތަކަށް ފާޑު ވިދާޅުވި އެވެ.
މުގާބޭގެ އުފަން ދުވަސް ފާހަގަ ކުރުމަށް 800،000 ޑޮލަރު ހޭދަ ކުރި އިރު، ޒިމްބާބްވޭ އިން ވަނީ، އެ ގައުމުގައި ބަނޑުހައިހޫނުކަން ތަހަންމަލު ކުރަމުން އަންނަ ތިން މިލިޔަނަށް ވުރެ ގިނަ މީހުންނަށް އެހީތެރިވުމަށް 1.2 ބިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާގެ އެހީއަށް، ދުނިޔޭގެ ބައެއް ޖަމިއްޔާތަކުގެ ކިބައިން އެދިފަ އެވެ.