28 Feb 2016, 01:10
މެޗު ގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގައި ބްރަނިސްލަވް އިވަނޯވިޗް ޖަހައިދިން ލަނޑާއެކު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ސައުތުހެމްޓަން އަތުން ޗެލްސީ މޮޅުވެއްޖެއެވެ.
މިއީ، ގޫސް ހިޑިންކްގެ އިރުޝާދުގެ ދަށުން، މި ސީޒަންގައި ޗެލްސީ މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް ހަމަކުރި 11 ވަނަ ބޮޅެވެ. އަދި ޗެލްސީގެ މި މޮޅާއެކު، ބައިކޮޅަށް ލަނޑެއް ވަނަ ނުދީ މެޗަކުން ބަލިނުވެ ސައުތުހެމްޕްޓަން ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ.

ސައުތުހެމްޓަން އަތުން 2-1 ލަނޑުން މޮޅުވުމުން ޗެލްސީ ކުޅުންތެރީން އުފާފާޅުކުރަނީ -- ފޮޓޯ: ގޯލް.ކޮމް
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީ ވަނީ، 27 މެޗުން ޖުމުލަ 36 ޕޮއިންޓު ހަމަކޮށް ލީގު ތާވަލުގެ 11 ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި މިރޭގެ މެޗުން ބަލިވުމުން ސައުތުހެމްޓަން ވަނީ، 27 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައަށް ވެއްޓިފައެވެ. 27 މެޗުން 56 ޕޮއިންޓު ހޯދައިގެން ފަސް ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައި އަދި ވެސް އޮތީ، މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެސްޓާ ސިޓީއެވެ. ހޮނިހިރު ދުވަހު ލެސްޓާއާ ނޯވިޗް ސިޓީ ބައްދަލުކުރި މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ލެސްޓާއެވެ.
ސައުތުހެމްޓަންގެ އެސްޓީ، މޭރީސް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ އެޓީމު ޗެލްސީއާ ދެކޮޅަށް ނުކުތްއިރު، ކޯޗް ރޮނާލްޑް ކޮއެމަންސްގެ ކުޅުންތެރީން ވަނީ، ލީގުގައި މެޗަކުން ބަލިނުވެ އަދި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހަމެޗް ހަމަކޮށްފައެވެ. އެހެން ނަމަވެސް، ގޫސް ހިޑިންކުގެ އިރުޝާދުގެ ދަށުން ހަމައަކަށް އެޅެމުން އަންނަ ޗެލްސީގެ ކުޅުންތެރީން ވަނީ، ސައުތުހެމްޓަންގެ ގޯލް ކީޕަރު ފްރޭޒާ ފޮސްޓާ ގާއިމުކުރަމުން ދިޔަ ކްލަބް ރެކޯޑް ނިމުމަކަށް ގެނެސްފައެވެ.

ސައުތުހެމްޓަންއަށް ލަނޑު ޖަހައި ދިނުމަށްފަހު އެޓީމުގެ ޝޭން ލޯންގ އުފާފާޅުކުރަނީ -- ފޮޓޯ: ގޯލް.ކޮމް
މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ގެންދިޔަ ސައުތުހެމްޓަންއިން ޗެލްސީގެ ގޯލް ހުޅުވައިލީ ފުރަތަމަ ހާފް ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ. އެގޮތުން ޗެލްސީގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސައުތުހެމްޓަންއަށް މެޗުގެ ލީޑު ނަގައި ދިނީ އެޓީމުގެ އަޔަލެންޑް ފޯވާޑް ޝޭން ލޯންގއެވެ.
އެއް ލަނޑުގެ ލީޑަކާއެކު ސައުތުހެމްޓަންއިން މެޗުގެ ދެވަނަ ހާފް ފެށިނަމަވެސް، ޗެލްސީ ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް، މެޗުގެ 75 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސައުތުހެމްޓަންގެ ގޯލް އޭރިޔާ ތެރޭގައި ހުރެފައި ޑިއެގޯ ކޮސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޗެލްސީގެ އެ ލަނޑު ކާމިޔާބުކޮށްދިނީ ސެސް ފަބްރިގާސްއެވެ.

އިވަނޯވިޗް، ޗެލްސީ މޮޅުވި ލަނޑު ސައުތުހެމްޓަން ގޯލަށް ފޮނުވާލަނީ -- ފޮޓޯ: ބީބީސީ
ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ދަށް ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ހިޑިންކުގެ އިރުޝާދުގެ ދަށުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޗެލްސީއަށް ސައުތުހެމްޓަން އަތުން ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު މެޗުގެ 89 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިވަނޯވިޗްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ، ވިލިއަމްސް ކޯނަރަކުން ސައުތުހެމްޓަންގެ ގޯލް ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
މި މެޗުގައި ސައުތުހެމްޓަން ކޮޅަށް ޗެލްސީން 16 ހަމަލާ އުފެއްދިއިރު ސައުތުހެމްޓަން ވަނީ ޗެލްސީ ކޮޅަށް 7 ހަމަލާ އުފައްދައިފައެވެ.
މެޗާބެހޭގޮތުން ޗެލްސީގެ ކޯޗު ހިޑިންކު ބުނީ، އޭނާގެ ޓީމު މި މެޗުން މޮޅުވުން ހައްގު ކަމަށާއި މެޗަކުން ބަލިނުވެ ހަމެޗު ހަމަކޮށް ރަނގަޅު ކުޅުމެއް ދައްކަމުން އައި ސައުތުހެމްޓަން އަތުން މޮޅުވުމަކީ ކާމިޔާބީއެއް ކަމަށެވެ.
"އަހަރެމެންނަށް ގެއްލުން ދެއްކި 1-0 ލަނޑުން އެޓީމު ކުރިހޯދުމުން. އެއީ އަހަރެމެންގެ ޑިފެންޑަރުންގެ ފަރާތުން އެޓީމަށް ލިބުނު ހަދިޔާއެއް. އެހެންނަމަވެސް ދެވަނަ ހާފުގައި އަހަރެމެން ރަނގަޅަށް ކުޅުނިން. އަހަރެމެން ވަރަށް އޯގަނައިޒުކޮށް ކުޅެ ލަނޑުވެސް ޖެހީ،" ޗެލްސީ ކޯޗު ހިޑިން ބުންޏެވެ.