24 Apr 2011, 22:10
އއ. ތޮއްޑޫގައި އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވުނު ބަންގްލަދޭޝް މީހަކު ރަށު ކައުންސިލަށް ހާޒިރުކޮށްފައި އިންދާ ފިލުމުން ތޮއްޑޫ ރައްޔިތުންނާއި ފުލުހުން އަދި އެރަށުގައި މަސައްކަތު އުޅޭ ބިދޭސީން ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ތޮއްޑޫގައި ފިލައިގެން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.
"ތަހުގުގީގަށް ހުރަހެއް ކުރިމަތިވެދާނެތީ އިތުރު މައުލޫމާތު ދެވޭކަށް ނެތް،" ފުލުހުން ބުންޏެވެ.
ތޮއްޑޫގައި މަސައްކަތް ކުރާ އުމުރުން 40 އަހަރާ ގާތްކުރާ ބަންގްލަދޭޝްގެ އަޒީޒުގެ މައްސަލައިގައި ރަށު ކައުންސިލްގެ މެމްބަރު މައުރޫފް އާދަމް މިރޭ ވިދާޅުވީ އިއްޔެ ހަވީރު އަޒީޒް، އެފަދަ އަމަލެއް ހިންގިކަމުގެ މައުލޫމާތު ލިބުމުން ތުހުމަތުގައި ރަށު ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.
ކުޑަ އަންހެން ކުއްޖާ، އެހެން ދެ ކުއްޖަކާ އެކު ރަށުގެ ދަނޑެއްގައި އުޅެނިކޮށް އަޒީޒު، ކުޑަ އަށްހެން ކުއްޖާއަށް ފަސްރުފިޔާ ދިނުމަށްފަހު ދަނޑުގައި ހުރި ގެއެއްގެ ތެރެއަށް ގެންދިޔަ ކަމަށް އަނެއް ދެ ކުދިން ބުނާ ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދެ ކުދިން އެ ހަބަރު އެ ކުއްޖާ ބައްޕައަށް އެންގިކަމަށް އަޒީޒް ބެހުނު ކަމަށް ބުނާ ކުޑަކުއްޖާގެ ބައްޕަ ކައުންސިލަށް ވެސް މައުލޫމާތު ދީފައިވާ ކަމަށެވެ.
"އޭނާ ދިޔައިރު ބަނގްލަދޭޝް މީހާ ހުރީ ބަރަހަނާއަށް ކަމަށް ކުޑަ އަންހެން ކުއްޖާގެ ބައްޕަ މައުލޫމާތު ދިން. އަދި ކުޑަ އަންހެންކުއްޖާ ވެސް ހުރީ... ބުނި. ދެން ބުނީ އެވަގުތު ކުޑަކުއްޖާ ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސް ޓެސްޓް ހަދައިފައިވާ ކަމަށް،" މައުރޫފު ވިދާޅުވިއެވެ.
އަޒީޒް ގެއްލުމާ ބެހޭ ގޮތުން މައުރޫފު ވިދާޅުވީ އޭނާ ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައި އިންދާ އެ ރަށުގެ ޒުވާނުންތަކެއް ވަދެ ނުރުހުން ފާޅުކޮށް އޭނާއަށް ހަމަލަ ދީ ހަމަނުޖެހުންތަކެއް ހިންގުމުގެ ތެރޭގައި އޭނާ ފިލައިގެން ދިޔައީ ކަމަށެވެ.
"އަޅުގަނޑުމެން އޭނާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރިން. ނަމަވެސް ކައުންސިލްގެ މެމްބަރުން ވެސް ދުރަށް ކޮށްޕާލުމަށްފަހު ޒުވާނުންގެ ތެރެއިން އެކަކު އަޒީޒު ގައިގާ އެއްޗަކުން ޖަހަން އުޅުމުން އޭނާ ދުއްވައިގަތީ،" މައުރޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެވަގުތު އެއްވެސް ބަޔަކަށް އަޒީޒު އަތުނުވި ކަމަށާއި އޭނާ ދުވަމުން ގޮސް ވަނީ ހަދަމުންދާ އިމާރާތެއްގެ ތެރެއަށް ކަމަށެވެ. އަދި ވިދާޅުވީ ރޭ ގާތްގަނޑަކަށް 8:00 ޖަހާއެހާކަންހާއިރު އެ ގެއަށް އޭނާ ވަން ފަހުން ހޯދައިހޯދައި ވެސް ހިލަން ވެފައި ނުވާ ކަމަށެވެ.
" ހަދަމުންދާ އެގޭގެ އެއްބައިގައި މީހުން އުޅޭ. އެމީހުން ބުނި ފުރާޅުމަތިން އޭނާ ދުވާ އަޑު އިވުނު ކަމަށް ވެސް، އޭނާ މިރަށުން ފައިބައިގެން ނުދާ ކަމުގެ ޔަގީންކަން އެބައޮތް،" މައުރޫފް ވިދާޅުވި އެވެ.