ބާލިން (ފެބްރުއަރީ 27):ރެފިއުޖީންނާ މެދު ނަފުރަތު އުފެދޭގޮތަށް ފޭސްބުކްގައި ވާހަކަ ދައްކާ މީހުން ހުއްޓުވަން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފޭސްބުކްގެ ސީއީއޯ، މާކް ޒަކަބާގް އިއްޔެ ވިދާޅުވެއްޖެ އެެވެ.

ގިނަ އަދަދެއްގެ ރެފިއުޖީން މިހާރުވެސް ދިރިއުޅެމުންދާ ޖަރުމަނުގެ ބައެއް ރައްޔިތުން، ރެފިއުޖީންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުމުން، އެކަށީގެންވާ މިންވަރަށް ފިޔަވަޅު އެޅިފައި ނުވާ ކަމަށް މާކް ޒަކަބާގް އިއުތިރާފްވި އެވެ. ނަމަވެސް، މިހާރު ޖަރުމަނުގެ ފުލުހުންނާ ގުޅިގެން އެފަދަ ހިޔާލު ފަތުރާ މީހުން ހުއްޓުވުމަށް މަސައްކަތް ކުރާނެ ފޭސްބުކްގެ ޓީމެއް އުފައްދަމުންދާ ކަމަށް ޒަކަބާގް ވިދާޅުވި އެވެ.

"ނަފްރަތު އުފެދޭގޮތަށް ވާހަކަ ދެއްކުމުގެ ޖާގައެއް ފޭސްބުކުން ވެސް މުޖުތަމައުންވެސް ނުދޭނެ. ވަރަށް ފަހަކާ ޖެހެންދެން ޖަރުމަނުގައި އެފަދަ މީހުން ހުއްޓުވަން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރެވިފައިނުވާހެން އަޅުގަނޑަށް ހީވަނީ. އަދި ކުރިއަށް އޮތް ތަނުގައި މިކަން ރަނގަޅު ކުރުމަށްޓަކައި އިތުރު މަސައްކަތް ކުރަމުން ދާންޖެެހޭނެ،" ޖަރުމަނަށް ކުރެއްވި ދަތުރުފުޅެއްގައި ޒަކަބާގް ވިދާޅުވި އެވެ.

އެދަތުރުފުޅުގައި ޒަކަބާގް ވަނީ ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލްއާ ބައްދަލުކުރައްވައިފައެެވެ. އަދި އެބައްދަލުވުމުން އެނގިގެންދިޔައީ އެގައުމުގައި "އަދިވެސް ބައިވަރު މަސައްކަތްތައް ކުރަން ހުރިކަން ކަމަށް" ޒަކަބާގް ވިދާޅުވި އެވެ. (އިންޑިޕެންޑެންޓް)