27 Feb 2016, 23:49
ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖްތަކުގެ އިސް ފަރާތްތައް ހިމެނޭގޮތަށް އުފައްދާފައިވާ "ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް" ގެ ހިންގާ ކޮމިޓީއަށް މެންބަރުން އައްޔަންކޮށްފި އެވެ.
އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް މެންބަރުން އައްޔަންކޮށްފައި ވަނީ މިރޭ ކްލިކް ކޮލެޖްގައި ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގަ އެވެ.
ހިންގާ ކޮމިޓީއަށް ޖުމްލަ ހަތް މެންބަރަކު އައްޔަން ކޮށްފައި ވަނީ ޖަލްސާއަށް ހާޒިރުވި ފަރާތްތަކުގެ ފުރިހަމަ އިއްތިފާގުންނެވެ.
ހިންގާ ކޮމިޓީއަށް އައްޔަންކޮށްފައިވާ މެންބަރުންގެ މަގާމްތަކުގެ ތެރޭގައި ރައީސް، ނައިބު ރައީސް، ހަޒާންދާރު، ސެކްރެޓަރީ، އިންތިޒާމް ސެކްރެޓަރީގެ އިތުރުން ދެ އާންމު މެންބަރުން ވަނީ އައްޔަންކޮށްފަ އެވެ.
އެ އެސޯސިއޭޝަންގެ ރައީސަކަށް އައްޔަންކޮށްފައި ވަނީ ކްލިކް ކޮލެޖްގެ ވައިސް ޕްރެޒިޑެންޓް ހަސަން އަބްދުﷲ ސައީދު އެވެ. ނައިބު ރައީސަކަށް އައްޔަންކޮށްފައި ވަނީ މެޕްސް ކޮލެޖްގެ ޑެޕިއުޓީ ރެކްޓާ އަބްދުލް އަޒީޒް އިބްރާހިމް އެވެ. ހަޒާންދާރުގެ މަގާމަށް އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު އައްޔަންކޮށްފައިވާ އިރު، ސެކްރެޓަރީއަކަށް އައްޔަންކޮށްފައި ވަނީ ސައިރިކްސް ކޮލެޖްގެ ވައިސް ރެކްޓަރު ޑރ. އަހުމަދު ޝާހިދު އެވެ.
އިންތިޒާމް ސެކްރެޓަރީއަކަށް ސައިރިކްސް ކޮމްޕިއުޓާ ޓްރެއިނިން ސެންޓަރުގެ ޗެއާމަން އަހުމަދު ޝަރީފް އައްޔަންކޮށްފައިވާ އިރު، އާއްމު މެންބަރުންގެ ގޮތުގައި އައްޔަންކޮށްފައި ވަނީ މައި ކޮލެޖްގެ ރެކްޓަރު ޑރ. އާމަލް އަލީ އާއި ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު އެވެ.
މިރޭގެ ޖަލްސާގައި ވަނީ 2014 އަދި 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކޮށް، 2016 ވަނަ އަހަރުގެ ހިންގާ ކޮމިޓީ އިންތިހާބުކޮށްފަ އެވެ.