ހުޅުމާލޭގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ހުޅުމާލޭ ނިރޮޅުމަގުގައި މިއަދު ހަވީރު ހަތަރެއް ޖަހާކަންހާއިރު، ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޝާކިރު "ސަން" އަށް މިރޭ ވިދާޅުވީ، އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އަނިޔާވި އަނެއް މީހާ އައިޖީއެމްއެޗަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓުނީ ފިޓު ޖެހިގެން. އެހެންވީމަ ވެއްޓުނީމަ އަނިޔާތަކެއްވާނެ ދެއްތޯ. ދެން ޑޮކްޓަރުންގެ އެދުމުގެ މަތީން އޭނާ ވަނީ މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށްފަައި،" ޝާކިރު ވިދާޅުވި އެވެ.