ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފޮޓޯ ހިމަނައިގެން ޑޮލަރު ގޮތަށް ޕްރިންޓުކޮށްފައިވާ ކަރުދާސްތަކެއް، އެމަނިކުފާނުގެ ގެކޮޅު ކަމުގައިވާ ގ. ދޫވެހި ކުރިމައްޗަށް އެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް 100 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ މިދިޔަ ބުދަ ދުވަހު މަހުލޫފަށް އެކަން ސިޓީ އަކުން އަންގާފަ އެވެ. އަދި އެ ސިޓީ މަހުލޫފު ވަނީ އޭނާގެ ޓުވީޓާގައި ޕޯސްޓުކޮށްފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ގ. ދޫވެހި ކުރިމައްޗަށް ކުނި އެޅި މައްސަލައިގައި އެ އެޖެންސީއަށް ހާޒިރުވުމަށް އެދި ޗިޓެއް މަހުލޫފަށް ހުށަހަޅާފައިވާ ކަމަށެވެ.

ސިޓީގައި ބުނީ އެ ޗިޓުގައި ބުނެފައިވާ ހަތް ދުވަހުގެ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް އޭނާ އެ އެޖެންސީއަށް ހާޒިރު ނުވުމުން ކުނި މެނޭޖު ކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތީން 100 ރުފިޔާއިން މަހުލޫފް ޖޫރިމަނާ ކުރި ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ ސިޓީ ހަވާލުކުރި ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް މަހުލޫފަށް އީޕީއޭ އިން ވަނީ އަންގާފަ އެވެ.

ކުނި މެނޭޖް ކުރުމާ ބެހޭ ގާވާއިދުގައި ބުނެފައިވާގޮތުން މަގުމައްޗަށް ކުނިއަޅައިފިނަމަ އެކަމުގެ އަދަބަކީ ފަސް ރުފިޔާ އާއި 500 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރައީސް ޔާމީންގެ ފޮޓޯ ހިމަނައިގެން ޑޮލަރު ގޮތަށް ޕްރިންޓުކޮށްފައިވާ ކަރުދާސްތަކެއް، އެމަނިކުފާނުގެ ގެކޮޅު ކަމުގައިވާ ގ. ދޫވެހި ކުރިމައްޗަށް އަޅަނީ ----

އެ މައްސަލައާ ގުޅިގެން މަހުލޫފާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. ފުލުސް އޮފީހަށް މި މަހުގެ 12ވަނަ ދުވަހު އެ ދެ ބޭފުޅުން ހާޒިރު ކުރުމުން ވަނީ ހަނު ހުންނަވާފަ އެވެ.

ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގައި ވަނީ އާންމު ތަނެއްގައި އެއްވެސް މީހަކު، އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާ ވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރުހީވާނެކަން އެނގިހުރެ އެ މާއްދާގެ ތިންވަނަ ނަންބަރާއި ހަވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމަކީ ކުށެއް ކަމަށެވެ.

އެ މާއްދާގެ ތިން ވަނަ ނަންބަރުގައި ވަނީ

  • "ހަޑިހުތުރު އެއްޗިހި ކިޔުމާއި ހަޑިހުރުބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުތައް ކުރުން".

އެ މާއްދާގެ ހަވަނަ ނަންބަރުގައި ވަނީ

  • "ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި ނުވަތަ މާއްދީގޮތުން ހުތުރު ނުވަތަ މީހުން ބިރުގަންނަ ފަދަ ހާލަތެއް އުފެއްދުން"