28 Feb 2016, 08:45
ވެވުނު ލޯތްބާއި ކުރެވުނު އިތުބާރުގެ ދަލުގައި ޖެހި އެތައް ބަޔަކު މިވަނީ އަނދަވަޅުތަކަށް ވެއްޓިފަ އެވެ. އަމިއްލަ ނަފްސުގެ މައްޗަށް ލޯބި ކުރި ހޯދައި އެވަނީ އަތުން ފައިން ގޯސްހެދިފަ އެވެ. ނަތީޖާއަކަށް ވަނީ ނަފްސާނީ ބަލިމަޑުކަމަކާއި ކުރިމަތިލާންޖެހުމެވެ. ތިރީގައި މި އަލި އަޅުވާލަނީ ކުޑަކުއްޖަކަށް ވިސްނުމެއްނެތި އަމިއްލައަށް ކުރެވުނު ކުށެއްގެ ސަބަބުން އޭނާއަށް ދިމާވި މައްސަލަތަކަށެވެ. އެގޮތުން "ބުލެކްމެއިލް" ކުރުމާއި "ރޭޕް" ކުރުމާއި ކުރިމަތިލާންޖެހި އެ ކުއްޖާވަނީ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަންޖެހިފަ އެވެ.
އުމުރުން 14 އަހަރުގެ އެ އަންހެންކުއްޖާ ކިޔަވާ ގަޑިތައް ފިޔަވައި ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ފޭސްބުކްގަ އެވެ. އެހެން އުޅުމުގެތެރޭގައި 22 އަހަރު ކަމަށް ބުނާ 29 އަހަރުގެ ފިރިހެނަކާ "ޗެޓް" ކުރަން ފެށުނެވެ. އެކަކު އަނެކަކަށް "ފުލާޓް" ކުރަމުން ގޮސް ގާތްގުޅުމެއް ބޭއްވި ފޯނު ނަންބަރު ހިއްސާކޮށް ގިނަވަގުތު ފޯނުގައި ހޭދަކުރެވެން ފެށުނެވެ. ގުޅައި ހަދަނީ ގޭ މީހުން ނިދީމައެވެ. ވާހަކަ ދައްކަން ފަށަނީ ރޭގަނޑު 11 ޖަހާކަންހާއިރު އެވެ. އެކޯލް ނިންމާލަނީ މެންދަމު ތިނެއް ޖަހާކަންހާއިރު އެވެ. އެއާއެކު ކިޔެވުމަށް ފަރުވާ ކުޑަވި އެވެ. އަދި ރައްޓެހިންނާއި ދުރުވެ ގިނަ ވަގުތު އެކަނި ހޭދަކުރަން ފެށި އެވެ. އެ ހުރިހާ ކަމަކާ އެކު ވެސް އެ އަންހެން ކުއްޖާ ހުންނަނީ ވަރަށް ވެސް ހިތްހަމަޖެހިގެންނެވެ.
އެ ދެ މީހުންގެ ގުޅުން ބަދަހިވަމުން ގޮސް ޓިއުޝަން "ކެޓުވުމަށް" ފަހު ކޮފީތަކުން ބައްދަލު ކުރަން ފެށި އެވެ. ހަމަ އެއާ އެކު ވައިބާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެކަކު އަނެކަކަށް ފޮޓޯ ފޮނުވަން ފަށައިފި އެވެ. އެކަން ބޮޑުވަމުންވަމުން ގޮސް ފިރިހެން މީހާގެ އެދުމަށް އަންހެންކުއްޖާގެ ބަރަހަނާ ފޮޓޯތައް ފިރިހެން މީހާއަށް ފޮނުވަން ފެށި އެވެ. އެ ފިރިހެން މީހާ ދިޔައީ ކޮންމެ ފޮޓޯއެއް ސްކްރީން ޝޮޓް ނަގާ ފޮޓޯތައް ސޭވް ކުރަމުންނެވެ. އެކަން އަންހެން ކުއްޖާއަކަށް ނޭނގެ އެވެ.

ނަފްސާނީ މައްސަލައެއް ކުރިމަތިވެފައިވާ ފަރާތަކަށް ސައިކޮލޮޖިސްޓް ދިމުތު ފަރުވާދެނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެންމެ ފަހުން ފިރިހެން މީހާ އަންހެންކުއްޖާ ކުލީ ކޮޓަރިއަކަށް ދިއުމަށް ދައުވަތުދެ އެވެ. ބަދުއަހުލާގީ ވާހަކަތައް ދައްކައި އަންހެން ކުއްޖާ އެމަޅީގައި ޖެއްސިއެވެ. އެންމެ ބޮޑެތި ފާފަތަކަށް އަރައިގަތުމަށް 29 އަހަރުގެ އެފިރިހެން މީހާ 14 އަހަރުގެ އަންހެން ކުއްޖާއަށް ދައުވަތުދެ އެވެ. ނަމަވެސް އަންހެން ކުއްޖާ އެކަން ކުރުމަށް އިންކާރު ކުރި އެވެ. އަދި އެތަނުން ދިއުމަށް މަސައްކަތް ފެށި އެވެ. އެއާއެކު ފިރިހެން މީހާ ފޯނުން އެއަންހެން ކުއްޖާގެ ބަދުއަހުލާގީ ފޮޓޯތައް އަންހެން ކުއްޖާއަށް ދައްކައި ބުނާކަމެއް ނުކޮށްފި ނަމަ އެތަކެތި ލީކް ކޮށްލާނެ ކަމުގެ އިންޒާރުދިނެވެ.
އެފޮޓޯތައް ފިރިހެން މީހާގެ އަތުގައި ހުރިކަން އެނގުމުން އަންހެން ކުއްޖާ ގޮތްހުސްވީ އެވެ. އެއާ އެކު އެ އެ ވިޔާނުދާ އަމަލުތައް ހިންގީ އެވެ. އެކި ދުވަސްމަތިން އެކަން ދިޔައީ ތަކުރާރު ކުރަމުންނެވެ. އެކަން ބޮޑުވަމުންގޮސް ފިރިހެން މީހާގެ ރައްޓެހި ތިން މީހުން ވެގެން އެއްފަހަރާ އެކުއްޖާއާ ބަދުއަހުލާގީ އަމަލު ހިންގައި ވީޑިއޯ ކުރީ އެވެ. އެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.
ފަހަކަށް އައިސް އެކުޑަ އަންހެން ކުއްޖާއަށް ކުރިމަތިލާންޖެހުނީ "ރޭޕް" ކުރުމާއި "ބުލެކް މެއިލް" ކުރުމުގެ ކަންކަމަށެވެ. ނަތީޖާއަކަށް ވެގެންގޮސްފައި ވަނީ ނަފްސާނީ އެތައް މައްސަލައަކަށް ކުރިމަތިލާންޖެހުމެވެ. މިއީ މިފަދަ މައްސަލަތަކުގެ ސަބަބުން އެތައް ބަޔަކަށް ކުރިމަތިވެފައިވާ ކަމެކެވެ. ލޯތްބާއި ޒުވާންކަމުގެ މަސްތުގައި ޖެހި އެތައް ފަރާތެއް އެވަނީ އެފަދަ ކަންކަމާއި ކުރިމަތިލާންޖެހިފައެވެ. ތިރީގައި މިބަލާލަނީ އެފަދަ ކަންކަމުގެ ސަބަބުން ދިމާވާ ނަފްސާނީ މައްސަލަތަކަށާއި ހައްލަށެވެ.
މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އެ އިންސްޓިޓިއުޓުން ކައުންސެލިންގް އާއި ސައިކޮތެރަޕީގެ ތަފާތު ހިދްމަތްތައް ދެ އެވެ.
އެފަދަ ފަރާތެއްގެ ކިބައިން ފެނިދާނެ ކަންކަން
އައިސީޕީގެ ޓެކްނިކަލް ޑިރެކްޓާ އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި އެފަދަ ހާދިސާތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ މައްސަލަތަކަށް ކިޔަނީ "ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ" (ޕީޑީއެސްޑީ) އެވެ. އެ ބައްޔާ ކުރިމަތިލާންޖެހެނީ މީހާއަށް ދިމާވާ، އިސްވެ ފާހަގަކުރި ފަދަ ބޮޑު ކަމަކުންނެވެ. އެބަލީގެ ސަބަބުން އަޅާލާނެ ފަރާތެއް ނެތް ކަމަށް ގަބޫލުކުރެވުމާއި އުންމީދު ގެއްލިގެން ދާނެ ކަމަށް ސައުދާ ވިދާޅުވި އެވެ.
އެ ބަލީގެ ސަބަބުން މީހާ ދިރިއުޅުން މަތިން ފޫހިކޮށްލައި ޑިޕްރެޝަން އާއި ސްޓްރެސް އަދި އެންޒައިޓީ ފަދަ ކަންކަމާ ކުރިމަތިލާންޖެހި އެމީހަކަށް ވޭންދެނިވި ހަޔާތެއް ހޭދަކުރަންޖެހެ އެވެ.
"ތިމަންނަ މިހިރީ މިކަމުގައި ބަނދެވިފައޭ، ސަލާމަތް ވެވޭނެ ގޮތެއް ނެތޭ ހިތަށް އަރައި ނާއުންމީދުވެފައި ތިބޭނީ. އެންޒައިޓީ މިބުނީ ހާސްވެ ކަންބޮޑުވެ ގޮތްގޮތްވެ ކެއުން މަދުވާނެ،" ސައުދާ ވިދާޅުވި އެވެ.
އެބަލީގެ ސަބަބުން މީހާއަށް ވާނުވާ ނޭނގޭ ހިސާބަށް ކަންކަން ދިއުމާއި ނިދާފައި އޮވެ ކުއްލިއަކަށް ހަޅޭއްލައިގެން ހޭލެވުމާއި، މުޅި މީހާ ތުރުތުރު އަޅާ ހިސާބަށް ކަންކަން ދިއުން ހިމެނޭ ކަމަށް ސައުދާ ވިދާޅުވި އެވެ. ހަމަ އެމައްސަލަތަކާ އެކު ދިމާވެފައިވާ ކަންތަކުން ސަލާމަތްވެވޭނެ ގޮތްތަކެއް ނޭނގުމާއި އެހެން މީހުންނަށް އިތުބާރު ނުކުރުން ފަދަ ކަންކަން ދިމާވާ ކަމަށް ވެސް ސައުދާ ވިދާޅުވި އެވެ.
އަބަދު މާޔޫސްވެފައި އިނުމާއި ސްކޫލަށް ނުވަތަ ވަޒީފާއަށް ނުދާން އުޅުމުގެ އިތުރުން އަވަހަށް ރުޅި އައުމާއި ސިއްސަސިއްސައިދިއުމުގެ އިތުރުން ގަބުވެފައި އިނުމާއި އެކަހެރިވެގެން އުޅުމާއި ރައްޓެހިންނާ ވެސް ދުރަށް ދިއުމަކީ އޭގެ އަލާމާތްތައް ކަމަށް ސައުދާ ވިދާޅުވި އެވެ. ހަމައެހެންމެ ނިދަން އުނދަގޫވެގެން އުޅުމާއި ޒިންމާނަގަން ޖެހޭ ކަންކަމުގައި ޒިންމާ ނުނަގައި "ކަންނެތް"ވެ މާޔޫސީކަމެއް އެމީހެއްގެ ފަރާތުން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިސީޕީގެ އެހެން ސައިކޮލޮޖިސްޓެއް ކަމަށްވާ ދިމުތު ޕަސްކުއަލް ވިދާޅުވި ގޮތުގައި އެފަދަ ކަމެއް މީހަކަށް ދިމާވެފައިވާ ނަމަ އެމީހެއްގެ އުޅުމުން ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ފެންނާނެ އެވެ. އެގޮތުން އާންމުކޮށް އުޅޭ ގޮތާ ޚިލާފަށް އެމީހެއްގެ އުޅުން ބަދަލުވާކަމަށް ވިދާޅުވި އެވެ.

ސައިކޮލޮޖިސްޓް ދިމުތު ސަން އަށް އިންޓަވިއު ދެނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
"ކުރިއާ ހިލާފަށް އާއިލާގެ މީހުންނާ ވާހަކަ ދައްކާގޮތް ވެސް ތަފާތު ވާނެ. ނިދުމުގެ މައްސަލަތައް ވެސް ދިމާވާނެ. ހަމަނިދި ނުލިބުން ފަދަ ކަންތައްތައް ކުރިމަތިވެދާނެ. ބައެއް ފަހަރު ދިމާވާ މައްސަލައެއް އެއީ ސްކޫލްގައި ކޮންސަންޓްރޭޓް ނުކުރުވުމުގެ މައްސަލަ،" ދިމުތު ވިދާޅުވި އެވެ.
ދުރާލާ ފަރުވާ ނުދެވިއްޖެ ނަމަ ނުރައްކަލަށް ކުރިމަތިވޭ
ފިޒިއޮލޮޖިސްޓް ދިމުތު ވިދާޅުވި ގޮތުގައި އެފަދަ ބައްޔަށް ފަރުވާ ނުކުރެވުމުގެ ސަބަބުން އަމިއްލައަށް މަރުވަން އުޅުމާއި އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުން ފަދަ ކަންކަން ހިނގައިދެ އެވެ. ހަމައެހެންމެ މާޔޫސީ، ހިތްހަމަ ޖެހުމެއްނެތް ދިރިއުޅުމެއްގައި އުޅުމަކީ އެފަދަ ފަރާތްތަކުގެ ކިބައިން ފެންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހިސާބަށް އެބަލީގެ ކަންކަން ދިއުމުން ތިމަންނައަށް އެހީވާނެ މީހެއް ނުވަތަ އެކަމުން ސަލާމަތްވާނެ ގޮތެއް ނެތްކަމަށް އެފަދަ ފަރާތްތަކުގެ ހިތަށް އަރަ އެވެ. ނަމަވެސް އެހެން ގަބޫލް ނުކުރާށެވެ. އެކަންކަމުގައި އެހީވާނެ އެތައް ފަރާތްތަކެއް އެބަ ތިއްބެވެ.
އެހެންކަމުން އެފަދަ ކަންކަން ދިމާވެފައިވާ ފަރާތްތަކުން އަމިއްލައަށް މަރުވާން މަސައްކަތް ކުރުމަކީ ހިނގާކަމެކެވެ. އެފަދަ ހާދިސާތަކުގެ ސަބަބުން އެމީހުންނަށް ލިބޭ ނަފްސާނީ ގެއްލުމާއެކު މުޅި ދިރިއުޅުން ބަނަވާކަން ގަބޫލް ކުރެވެ އެވެ.
އާއިލާގެ ޒިންމާ
އެފަދަ ކަމެއް ކުއްޖަކަށް ދިމާވެފައިވާ ކަމަށް ބެލެވޭ ނަމަ އެކުދިންނަށް އެވަނީ ކިހިނެއްތޯ ހޯދަން ޖެހޭ ކަމަށް ސައިކޮލޮޖިސްޓް ސައުދާ ވިދާޅުވި އެވެ. އެކަން ކުރަން އެންމެ ރަނގަޅުގޮތަކީ އާއިލާގެ ތެރެއިން ނުވަތަ ރަހުމަތްތެރިންގެ ތެރެއިން، އެކަން ދިމާވެފައިވާ މީހާ އާ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރާ މީހާ ލަށްވައި އެކަންކަން ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިގްނިފިކަންޓް ގޮތަކަށް ސިމްޓަމްސް ފެންނަ ކަމަށްވަންޏާމު ހަމަ ވާހަކަ ދައްކައިގެން ހޯދުން ވަރަށް މުހިންމު. އޭނާގެ ކޮންޓުރޯލް ދިއުމުގެ ކުރިން،" ސައުދާ ވިދާޅުވި އެވެ.
ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
އެފަދަ ކަންކަން ދިމާވެފައިވާ ފަރާތްތަކަށް އަވަހަށް ފަރުވާ ދިނުމަށް ނުވަތަ ހައްލު ހޯދަން މަސައްކަތް ކުރަންޖެެހެ އެވެ. ތިމާއަށް ނުވަތަ ތިމާ ދަންނަ އެހެން ފަރާތެއްގެ ކިބައިން ވެސް އެފަދަ މައްސަލަތަކެއް ފާހަގަވާ ނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާށެވެ. އެގޮތުން ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭނަމްބަރު 1412 އަށް ނުވަތަ އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.
ސައިކޮލޮޖިސްޓު ދިމުތު ވިދާޅުވި ގޮތުގައި އެފަދަ ފަރާތްތަކުން އައިސީޕީއަށް އައުމުން އެފަދަ ފަރާތްތަކުގެ އެސެސްމަންޓްތައް ހަދަ އެވެ. އެއަށް ފަހު ނަފްސާނީ ގޮތުން ކުދިން ތިބީ ކޮން ހާލަތެއްގައިތޯ ބަލައި ފަރުވާ ދޭން ފަށަ އެވެ.
ބައެއް ކޭސްތަކަކީ ބޭހާއެކު ކައުންސެލިން ދޭންޖެހޭ ކޭސްތައް ކަމަށްވާއިރު އަނެއްބައި ކޭސްތަކުގައި ބޭހާއި ނުލައި އެކުދިންނަށް ދިމާވެފައިވާ ކަންކަން ބަލައި އެކިއެކި ތެރަޕީތައްދެ އެވެ. އެފަރާތްތަކުން ދޭ ތެރަޕީތަކުގެ ސަބަބުން ނަފްސާނީ ބަލީގައިވާ ފަރާތް ރަނގަޅުކޮށް އަލުން އުފާވެރި ދިރިއުޅުމަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ދޭނެ ކަމަށް ދިމުތު ވިދާޅުވި އެވެ.
އެންމެ ރަނގަޅު ހައްލަކީ ކޮބާ
އެންމެ ރަނގަޅު ހައްލަކީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތްތަކަށް އަމަލުތައް ބެހެއްޓުމެވެ. ފެންނަހާ ނުވަތަ ވާހަކަ ދައްކާހާ މީހަކަށް އިތުބާރުކޮށް ވިޔާނުދާ އަމަލުތައް ހިންގުން ހުއްޓައިލުމަކީ މިފަދަ ކަންކަމުން ސަލާމަތް ވުމަށް އެޅޭނެ އެންމެ ހަރުދަނާ ފިިޔަވަޅެވެ. އަދި އެފަދަ ކަމެއް ދިމާވުމުން އެކަން އިތުބާރުކުރެވޭ، ކަމާބެހޭ އިދާރާއަކަށް ހުށަހެޅުމާއި އަވަހަށް ފަރުވާ ހޯދަން ފެށުން ވަރަށް ވެސް މުހިންމެވެ.
"އެހީއަށް އެދޭށޭ އެހީވާނެ ފަރާތްތައް ބައިވަރު އެބަހުރި. އެއްވެސް ވަރަކަށް ޓޮލަރޭޓް ކުރާކަށް ނުޖެހޭ މީހަކު ކުރާހާ ކަމަކަށް. ލޯބި ޕުރޫވްކޮށްދޭކަށް ނުޖެހޭ އަމިއްލަ ނަފްސު ވިއްކާކަށެއް އަމިއްލަ ނަފުސަށް ގެއްލުން ދޭ ކަށެއް. ހިތާމަކޮށް އަމިއްލައަށް މަރުވާ ހިސާބަކަށް ދާކަށް ނުޖެހޭ،" ސައުދާ ވިދާޅުވި އެވެ.
މިފާހަގަކުރި ހާދިސާއަށް ވިސްނައިލާ އިރު ލޯބީގެ ގޮތުންނާއި އެހެނިހެން ކަންކަމުގެ ސަބަބުން މިފަދަ ނަފްސާނީ ބައްޔާއި ކުރިމަތިލާންޖެހޭ ފަރާތްތައް ގިނަކަން ފާހަގަކުރެވެ އެވެ. ތިމާއަށް ކުށެއް ކުރެވިފައިވާ ނަމަ ނުވަތަ ނަފްސާނީ މައްސަލައެއް ކުރިމަތިވެފައިވާ ނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް މަސައްކަތް ކުރާށެވެ.
------------------------------------------------------------
ނޯޓް: މިއީ ނަފްސާނީ އެކި މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމަށް ސީރީޒެއްގެ ގޮތަށް ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ގެނެސްދޭ ރިޕޯޓްތަކެއްގެ ތެރެއިން ފުރަތަމަ ރިޕޯޓެވެ. މި ސީރީޒު ނިމެންދެން ކުރިއަށް އޮތް ކޮންމެ ހަފްތާއެއްގައި މިފަދަ ރިޕޯޓެއް ގެނެސްދެވޭނެ އެވެ.