ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިލްމުވެރިންގެ އާދޭސްތަކާ އިލްމުވެރިންގެ ބަސްތަކަށް ގޮންޖެއްސުވެވުމަށް ފަހު ސަރުކާރުން ބޭނުންވާ ބައެއް ކަންތައްތައް ކޮށްފައިވާ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ރައީސް ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ، އެމެރިކާގެ މަޝްހޫރު އާރްއެންޑްބީ، ހިޕްހޮޕް، ރެޕް ލަވަކިޔުންތެރިޔާ އޭކަން ކުރީގެ ސަރުކާރަކުން ވެސް ގެންނަން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެ ދުވަހު ހުރިހާ އިލްމުވެރިން އެކައްޗެއް ކިޔައި އެއް އަޑަކުން އެކަމަށް ނުރުހުން ފާޅު ކުރުމުން އޭނަ ގެނައުން އޭރުގެ ސަރުކާރުން ހުއްޓާލި ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެން ދީނަށް ޓަކައި ގައުމަށް ޓަކައި ގެނައި ސަރުކާރުން ކޮން ކަމެއްތޯ ކުރެއްވީ. ދައުލަތުގެ މުދަލުން އިސްރާފު ކުރަމުން އެތައް މިލިއަން ރުފިޔާއެއް އިސްރާފު ކުރައްވައި އިލްމުވެރިންގެ އެ ބަސްތަކަށް ގޮންޖައްސަވަމުން އެކަންތައްތައް ކުރައްވާފައިވާތީވެ އެ ވާހަކަ ވެސް ދެންނެވިން [ސަރުކާރަށް ދެންނެވި ވާހަކަ]. އަޅުގަނޑުގެ ސުވާލަކީ މިއީ ދީނީ ކަމެއްތޯއޭ،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ، ދާދިފަހުން އަދާލަތު ޕާޓީން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި އޭނާ ދެއްކެވި ވާހަކަތައް ބައެއް ފަރާތްތަކުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަވަމުންދާ ކަމަށެވެ.

އިލްޔާސް ވިދާޅުވީ، މިއަދުގެ ސަރުކާރުން ވެސް ދީނާ ހިލާފު ކަންތައްތަކެއް ކޮށްފައިވާ ނަމަ އެކަމާ ދެކޮޅަށް ތެދުވާނެ ކަމަށެވެ. އަދި އެގޮތުން އޭނާ ވިދާޅުވީ ސިހުރަކީ ކަނޑައެޅިގެން ދީނުގައި ޝިރުކެއް ކަމަށް ހުރިހާ އިލްމުވެރިން އިއްތިފާގުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ބޭފުޅަކީ އެފަދަ ކަމެއް ކުރައްވާފައިވާ ބޭފުޅެއްކަން އޭނާ އަށް އެކަން ކޮށްދެއްވި މީހާ ރާއްޖޭގެ މީޑިއާއެއްގެ ކުރިމަތީގައި އެއްބަސްވެފައިވާ އިރު ވެސް މިއަދުގެ ސަރުކާރު ހިންގާ މައި ޕާޓީގެ އިސްބޭފުޅަކު ސިހުރަކީ އޮތް އެއްޗެއް ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ކަނޑައެޅިގެން ގުރުއާނުގެ ނައްސަށް ސަރީހު އާޔަތަކަށް އިންކާރު ކުރައްވާފައި. އެކަމާ މެދު ވެސް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅިފައެއް ނެތް. އަދި އެއީ މާ ބޮޑު ކަމަކަށް ވެސް ނުވި. އެހެންވީމާ މިފަދަ ކަންތައްތަކެއް ކުރެވެމުން ދިޔައީމާ އަޅުގަނޑުމެން ދެންނެވީ ކުރިޔަށް ވުރެ މާ ލާދީނިއްޔަތުކަން ބޮޑޭ. އެއީ ބުނަންޖެހުނު ސަބަބު،" އިލްޔާސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިލްޔާސް ވިދާޅުވީ، ގާނޫނުލް އުގޫބާތުގެ ބިލު ކީރިތި ގުރުއާނުގައިވާ ގޮތާ ހިލާފަށް ފާސްކުރުމުން ވެސް މިއަދުގެ ސަރުކާރުގެ އެންމެ އިސް ފަރާތް ކަމުގައިވާ ރައީސް އަބްދުﷲ ޔާމީން އެ ބިލް ތަސްދީގު ކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވީ، މަދުމަދުން ނަމަވެސް އެ ގާނޫނަށް އިސްލާހުތަކެއް މިހާރު އަންނަކަން ފާހަގަކުރައްވާ ކަމަށެވެ.

"ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑަށް އޭގެ ސުބޫތެއް ގެނެސްދެއްވާށޭ، ކޮބައިތޯ މުހުސަނުގެ ހައްދު. އެ ގާނޫނުލް އުގޫބާތުގެ ކޮން މާއްދާއެއްގައިތޯ ލިޔެވިފައި ވަނީ. ވައްކަމުގެ ހައްދު ގުރުއާނުގައި އޮތް ގޮތަށް ކޮން މާއްދާއެއްގައިތޯ ލިޔެވިފައި ވަނީ. މުރުތައްދުވުމުގެ ހައްދު ގުރުއާނުގައި އޮތް ގޮތަށް ކޮން މާއްދާއެއްގައިތޯ ލިޔެވިފައި ވަނީ." އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ދީނާ ހިލާފަށް ކުރައްވާ ކަންތައްތައް ހުއްޓުވުމަށް އެދި ރައީސް ޔާމީނަށް ސިޓީފުޅެއް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް ދެ އަހަރު ވެގެން ދިޔައިރު ވެސް އެ ސިޓީއަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.