ދިމިޝްގު (ފެބްރުއަރީ 27):ސޫރިޔާގެ ހަނގުރާމަ މެދުކަނޑާލާފައި އޮއްވައި އެގައުމުގެ ހުޅަނގުގައި އޮންނަ ހާމާ ޕްރޮވިންސުގައި ބޮމުގެ ހަމަލާއެއްދީ ހަތަރު މީހަކު މަރާލައިފި އެވެ.

އައިއެސްއާ ގުޅުން އޮންނަ ހަނގުރާމަވެރި ގްރޫޕަކުން ވަނީ ހަމަލާގެ ޒިންމާ ނަގާފައި ކަމަށް ސަންއާ ނިއުސް އޭޖެންސީން ބުންޏެވެ. އަދި އެހާދިސާ ހިނގީ ސަލާމިއްޔާ ކިޔާ އަވަށަކަށް ވަންނަ މަގުގައި ހުރި ޗެކްޕޮއިންޓެއް ކައިރީ ކަމަށާއި ހަމަލާގައި އަށް މީހަކު ޒަހަމްވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ސޫރިޔާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ އެހަމަލާގެ ސަބަބުން ހަނގުރާމަ ހުއްޓާލަން ހަދާފައި އޮތް އެއްބަސްވުމަށް ބަދަލެއް ނާންނާނެ ކަމަށް ބުނެފަ އެވެ.

"ބޮމުގެ ހަމަލާ ދިނީ އެ އެއްބަސްވުމުގައި ހިމެނޭ ސަރަހައްދެއްގައި ނޫން ކަމުން، އެއީ އެއްބަސްވުމާ ހިލާފުވުން ކަމަށް ނުބެލެވޭނެ،" މޮނިޓަރިން ގްރޫޕުގެ އިސް ވެރިޔާ، ރަމީ އަބްދުއްރަހްމާން ވިދާޅުވި އެވެ.

ސަލާމިއްޔާއަކީ ސޫރިޔާގެ އަސްކަރިއްޔާއާއި އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު ހަމަލާބަދަލުކުރުން އާއްމު ސަރަހައްދެކެވެ.

ސޫރިޔާގެ މަދަނީ ހަނގުރާމަ ދެހަފްތާއަށް މެދުކަނޑާލުމަށް ރަޝިއާއާއި އެމެރިކާއިން މެދުވެރިވެގެން، ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހެދި އެއްބަސްވުމަށް އަމަލުކުރަން ފެށީ ރޭގައެވެ. (ޕްރެސް ޓީވީ)