އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވައިފައިވާ ބޭފުޅުންގެ މެދުގައި ބާއްވާ ބަހުސް ބޯއިކޮޓްކުރުމަށް ނައިބު ރައީސް ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ނިންމުމާ ގުޅިގެން ނައިބު ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ބަހުސް ކެންސަލްކޮށްފި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވީ، މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ބަހުސް ކެންސަލްކޮށްފައިވާކަން ރާއްޖެ ޓީވީ އަށް މިއަދު ހަވީރު މިހާރު އަންގައިފައިވާ ކަމަށެވެ. އަދި ބަހުސް ކެންސަލްކުރީ އަލްހާނު އެ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާނެކަން އެންގެވުމުން ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

"އެއީ އަލްހާން ފަހުމީ މިއަދު ސިޓީއެއް ފޮނުއްވައިފައި އޮތީ އެބޭފުޅާ އަށް[ބަހުސްގައި] ބައިވެރިވެވަޑައިގެންނެވޭކަށެއް ނެތޭ ދިމާވެފައި ހުރި ކަންތައްތަކުން. އެކަމަކު އެވާހަކަތައް މި ދަނޑިވަޅުގައި ހާމަކުރެވޭކަށެއް ނެތޭ ވިދާޅުވެފައި އޮތީ،" ޝާހު ވިދާޅުވި އެވެ. "ދެން ބަހުސެއް ވަންޏާ ދެފަރާތަކުން ތިބެންޖެހޭނެ ނޫންތޯ؟"

ނަމަވެސް، އެމްޑީޕީ ނައިބު ރައީސްގެ މަގާމަށް އަލްހާންގެ އިތުރުން ދެ ބޭފުޅުން ވާދަކުރައްވަ އެވެ. އެއީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އަދި ގ. ކަކާގެ، ހުސެއިން އާދަމް (އާދަމްބެ) އެވެ.

ޝާހު ވިދާޅުވީ، އިއްޔެ ކެންޑިޑޭޓުން ތަރުތީބުކުރުމަށް ގުރު ނެގި ވަގުތު ވެސް އާދަމްބެ ހާޒިރުނުވާ ކަމަށާއި އަދި ފޯނުން ވެސް ނުގުޅޭތީ އިންތިހާބުގައި ވާދަކުރުމަށް އެހާ ބޮޑަށް އޭނާ ޝައުގުވެރިވާ ކަމަށް ނުފެންނަ ކަމަށެވެ. ނަމަވެސް، ވޯޓު ކަރުދާހުގައި އާދަމްބެގެ ނަން ވެސް އޮންނާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.

ނައިބު ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ބަހުސް ބޭއްވުމަށް 24 ގަޑިއިރަށް ވުރެ ކުޑަތަންވެފައިވަނިކޮށް ބަހުސުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ޕާޓީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީއަށް އަލްހާން ފޮނުއްވި ސިޓީގެ ކޮޕީ ސަން އަށް ވަނީ ލިބިފަ އެވެ. އެ ސިޓީގައި އަލްހާން ވިދާޅުވެފައި ވަނީ، ދި ޓީވީ އާއި ރާއްޖެ ޓީވީން ބާއްވަން އުޅުނު ދެ ބަހުސްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އަނގަބަހުން ކުރިން ދެންނެވި ކަމަށެވެ.

ނަމަވެސް އެ ދެ ބަހުސާ ގުޅިގެން މިހާރު ހިނގަމުންދާ ބައެއް ކަންކަމާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ އާއި ނާޖާއިޒު ބައެއް ނުފޫޒު އެކަމުގެ ތެރެއަށް ވަދެފައިވާ ކަމަށް އޭނާ އަށް ލިބިވަޑައިގެންފައިވާ ސައްހަ މައުލޫމާތުގެ އަލީގައި ގަބޫލު ކުރެއްވޭތީ ބަހުސްގައި ބައިވެރިވެ ވަޑައިނުގަތުމަށް ނިންމެވީ ކަމަށް އަލްހާންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"އަދި މިކަމާ ގުޅޭ ގޮތުން ތަފްސީލް ވާހަކަތައް ދެއްކުމަކީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ހިނގަމުންދާ މި ދަނޑިވަޅުގައި ޕާޓީގެ އެތެރޭގައި މައްސަލަތަކެއް އުފެދިދާނެ ކަމެއް ކަމަށް ފެންނާތީ އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގެ ހަމަޖެހުމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް ހިނގުމަކީ އަޅުގަނޑު އެދޭކަމަކަށް ނުވާތީ އާއި އަދި މިފަދަ ވާހަކައެއް އާންމުވުމުގެ ސަބަބުން އަޅުގަނޑުމެންގެ ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ގެއްލިދާ ފަދަ ހާލަތެއް މެދުވެރިވެދާނެތީ، މިކަމުގައި އިތުރު ތަފުސީލު ހާމަކުރަން ކޮންމެހެން ނުޖެހޭ ހިނދެއްގައި، އަޅުގަނޑުގެ ފަރާތުން ޕާޓީ އަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ވުމަށް ނޭދޭ ހާލު، އެކަން ހާމަކުރަން ބޭނުން ނުވާ ވާހަކަ ކަމަނާގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އެ ސިޓީގައިވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ބަހުސްގެ މައްސަލަ ހޫނުވެފައި ވަނީ، ދި ޓީވީން އިންތިޒާމްކުރި ބަހުސްގެ ފުރަތަމަ ސެގްމެންޓް މާދަމާރޭ ބޭއްވުމަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން މާޗް 29 ގައި ބުކްކޮށްފައި ވަނިކޮށް، އެތަން ރާއްޖެ ޓީވީ އަށް ދިން މައްސަލައާ ގުޅިގެންނެވެ. އެކަމާ ހިތްހަމަނުޖެހިގެން ދި ޓީވީގެ ބަހުސް ކެންސަލްކުރުމަށް ފަހު ވަނީ ދަރުބާރުގެ ރާއްޖެ ޓީވީއަށް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅައިފަ އެވެ.

ދަރުބާރުގޭގެ މާލަންތައް ކުއްޔަށް ދޫކުރާ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނީ، ދި ޓީވީން ފޯނުން އެތަން ބުކް ކުރި ނަމަވެސް ފައިސާ ނުދައްކައި އޮތުމުން ކުރިން ފައިސާ ދެއްކި ބަޔަކަށް އެތަން ދޫކޮށްލީ ކަމަށެވެ.

ދި ޓީވީ އަށް ދަރުބާރުގެ ނުދީ އެތަން ދޫކޮށްފައިވާ ރާއްޖެ ޓީވީއަކީ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ހިއްސާ އޮންނަ ތަނެންކަމަށް ވެސް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް އެކަމާ ސުވާލުކުރުމުން އަކުރަމް ވިދާޅުވެފައި ވަނީ އެކަމަށް ޖަވާބުދެއްވަން ބޭނުންފުޅު ވެވަޑައިނުގަންނަވާ ކަމަށެވެ.

މީގެ އިތުރުން އަލްހާން ފަހުމީއާ ދެކޮޅަށް ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަނީ ހައުސިން މިނިސްޓާ އަސްލަމެވެ.