ނެދަލޭންޑްގެ ކުންފުންޏެއް ކަމަށްވާ މާސް ނެދަލޭންޑް ބީވީގައި އުފައްދާ ޗޮކްލެޓުތައް އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑު އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.

ފުޑު އެންޑް ޑްރަގް އޮތޯރިޓީ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ޗޮކްލެޓުތައް ޕްލާސްޓިކް "ފްރެގްރެމެންސް" އިން ތަޣައްޔަރުވުމުގެ ފުރުސަތު އޮތްކަމަށް ވާތީ އެތަކެތި މާކެޓުން ނަގަމުންދާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ފޯ ފުޑު އެންޑް ފީޑް އިން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އެ އުފެއްދުންތައް އެތެރެނުކުރުމަށާއި ނުވިއްކުމަށް އެ އޮތޯތިޓީން ވަނީ އަންގައިފަ އެވެ. އަދި އެ އުފެއްދުންތައް ވިއްކަން ހުރިނަމަ މާކެޓުން ނެގުމަށް ފަހު އެ މައުލޫމާތު އެ އޮތޯރިޓީ އަށް ހިއްސާކުރުމަށް ވެސް ފުޑު އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ ހުރިހާ ވިޔަފާރިވެރިތަކަށް އަންގައިފަ އެވެ.

ބޭނުންކުރުން މަނާކޮށްފައިވާ އުފެއްދުންތައް:

  • ސެލިބްރޭޝަން (މުއްދަތު ހަމަވާ ތާރީޚު: 7 އޯގަސްޓު 2016 އިން 16 އޮކްޓޯބަރު 2016)
  • ސްނިކާސް (މުއްދަތު ހަމަވާ ތާރީޚު: 3 ޖުލައި 2016 އިން 21 އޯގަސްޓު 2016)
  • މިލްކީވޭ (މުއްދަތު ހަމަވާ ތާރީޚު: 4 ސެޕްޓެމްބަރު 2016 އިން 8 ޖެނުއަރީ 2017)
  • މާސް (މުއްދަތު ހަމަވާ ތާރީޚު: 7 އޯގަސްޓު 2016 އިން 16 އޮކްޓޯބަރު 2016)
  • މިނީ މިކްސް (މުއްދަތުހަމަވާ ތާރީޚު: 10 ޖުލައި 2016 އިން 18 ސެޕްޓެމްބަރު 2016)