27 Feb 2016, 14:48
ޓޫރިޒަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެގައުމުން މަޝްވަރާކޮށްފި އެވެ.
އިންޑިއާގެ ޓޫރިޒަމް މިނިސްޓަރުގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލެއްވުމަށް ފަހު އެނބުރި ވަޑައިގެން އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރުމަށާއި އެގައުމުގެ އުތުރުގެ ސަރަހައްދުތަކުން ރާއްޖެ އަށް ސީދާ ދަތުރުތައް ފެށުމަށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
"މިހާރު ރާއްޖެ އަށް މިއަންނަ 50000 ޓޫރިސްޓުން، އެ އަދަދު އިތުރުކުރުމަށް ޓަކައި އިންޑިއާގެ އުތުރުގެ ސަރަހައްދުން ރާއްޖެއަށް ވައިގެ ދަތުރުފަތުރު ސީދާ، އެއީ ދިއްލީއާއި އަދި މުމްބާއީ އާ މާލެއާ ސީދާ ގުޅޭނެ ގޮތަކަށް ރޭވުން. އެއީ އަޅުގަނޑުމެންނަށް މިފަހަރު ވާހަކަ ދެކެވުނު ކަންތައްތައް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ އިތުރުން އިންޑިއާގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އިންވެސްޓް ކުރަން ޝައުގުވެރިކަން ފާޅުކޮށް، އެ ގައުމުގެ ސަރުކާރު މެދުވެރިވެގެން އެމްއޯޔޫތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.
"ދުނިޔޭގެ ހުރިހާ ބޮޑެތި ބްރޭންޑްތަކެއް ރާއްޖޭގައި ހުރެ، އެކަމަކު އޮބްރޯއީ ގްރޫޕުގެ ހޮޓަލެއް އަދި ރާއްޖޭގައި ނެތް. އެހެންވީމާ އޮބްރޯއީ ގްރޫޕާ އެއްކޮށް އަޅުގަނޑުމެންނަށް މަޝްވަރާކުރެވުނު. އެމްއޯޔޫއެއްގައި ސޮއިކުރެވުނު އޮބްރޯ އީން ރާއްޖޭގައި ހޮޓަލެއް ހުޅުވުމަށް ޓަކައި މިހާރު ރަށެއް ވެސް ބަލައި، ދެން އެކަމާ ބެހޭ ގޮތުން އިތުރަށް ކުރިއަށް ގެންދަން ޖެހޭ މަސައްކަތްތައް ކުރުމަށް ޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުން ރާއްޖެ އަށް ސީދާގޮތެއްގައި ކުރާ ވައިގެ ދަތުރުތައް ފެށުމަށް އެއާ އިންޑިއާ އާއި އިންޑިގޯއާ މަޝްވަރާކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ދިއްލީއާއި މުމްބާއީ އިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން އެއާ އިންޑިއާއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.