27 Feb 2016, 14:40
ހުޅުމާލެ އާއި މާލެއާ ދޭތެރޭ ދަތުރުކުރުމަށް އެމްޓީސީސީ އިން އަލަށް ތައާރަފްކުރާ އޭސީގެ ފެރީގެ ޓިކެޓުގެ އަގުތައް އުޅޭނީ 10 ރުފިޔާ އާއި 15 ރުފިޔާއާ ދޭތެރޭ އަގުތަކެއްގައި ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެމްޓީސީސީ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް މިއަދު ސަން އަށް ވިދާޅުވީ، އެފެރީގެ ދަތުރުތައް އަންނަ ހޯމަ ދުވަހު ތައާރަފްކުރާ އިރު ޓިކެޓުގެ އަގުތައް އުޅޭނީ 10 ރުފިޔާ އާއި 15 ރުފިޔާއާ ދޭތެރޭ އަގުތަކެއްގައި ކަމަށެވެ.
ނާޒިމް ވިދާޅުވީ 146 މީހުންގެ ޖާގައިގެ އޭސީ ދެ ފެރީ ތައާރަފްކުރާ އިރު މާލެ އާއި ހުޅުމާލެ އާ ދޭތެރޭ ކުރާ ދަތުރަކަށް ހޭދަވާނީ 10 މިނެޓާއި 15 މިނެޓުގެ ވަގުތެއް ކަމަށެވެ.
ޕީކް ގަޑިތަކުގައި 30 މިނެޓުން ދަތުރެއް ބޭއްވުމަށް ނިންމާފައިވާ އިރު އޮފްޕީކް ގަޑިތަކުގައި ގަޑި އިރަކު އެއް ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީ އެކްސްޕްރެސްގެ ހިދުމަތެކޭ އެއްގޮތަށް ކުރިއާލާ ވަކި ގަޑިއަކަށް އޭސީ ފެރީގެ ޓިކެޓުތައް ވެސް ގަނެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީ އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޑަބަލްޑެކް ފެރީއެއް ވެސް ތައާރަފްކޮށްފަ އެވެ.
ފެރީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެމްޓީސީސީ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެ އެވެ.