27 Feb 2016, 13:02
ތެހެރާން (ފެބްރުއަރީ 27): މަސްތުވާތަކެއްޗާ ގުޅޭ ކުށްތަކާ ގުޅިގެން އީރާނުގެ ދެކުނުގައި އޮންނަ އަވަށެއްގެ ހުރިހާ ފިރިހެނުންގެ މައްޗަށް ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައި ކަމަށް އެގައުމުގެ ވިމެން އެންޑް ފެމިލީ އެފެއާޒްގެ ނައިބު ރައީސް، ޝަހިންދޮޓް މޮލަވެރްދީ ވިދާޅުވެއްޖެ އެވެ.
މޮލަވެރްދީ އެފަދައިން ވިދާޅުވީ އީރާނުގައި މަރުގެ ހުކުމް ތަންފީޒު ކުރާ މިންވަރާ ބެހޭ ގޮތުން އީރާނުގެ ނިއުސް އޭޖެންސީއަކާ ވާހަކަފުޅު ދައްކަވަމުންނެވެ.
"ސިސްތާން އެންޑް ބްލޫޗެސްތާނު ޕްރޮވިންސުގައި އޮންނަ އަވަށެއްގައި ހުރިހާ ފިރިހެނުންގެ މައްޗަށް ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައި،" މޮލްވެރްދީ ވިދާޅުވި އެވެ.
މަސްތުވާތަކެތި އީރާނަށް އެތެރެކުރުން ފަދަ ކުށްތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ މައްޗަށް ހުކުމް ތަންފީޒު ކުރީ އެއްފަހަރުން ކަމެއް ނުވަތަ އެކި ފަހަރު މަތިން ކަމެއް މޮލަވެރްދީ ވިދާޅުނުވެ އެވެ. އަދި އެއަވަށުގެ ތަފްސީލު ވެސް ދެއްވާފައި ނުވެ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނާ ގޮތުގައި އީރާނަކީ ދެވަނައަށް އެންމެ ގިނައިން މަރުގެ ހުކުމް ތަންފީޒު ކުރާ ގައުމެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި އެކަނި ވެސް އީރާނުން 700 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރި ކަމަށް އެމްނެސްޓީން ބުންޏެވެ. ނަމަވެސް، އެކަމާ ބެހޭ ގޮތުން އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ވާހަކަފުޅު ދެއްކެވުމަކީ އާއްމުކަމެއް ނޫނެވެ. (ގާޑިއަން)