27 Feb 2016, 12:21
މި މަހުގެ 21 ވަނަ ދުވަހު ގއ. ކޫއްޑޫ ފުއްޓަރު ފަރާތަށް ލަނޑާނަގަން އެރި އުޅުމުގެ ތެރެއިން ގެއްލުނު މީހާ ހޯދަން، އޭނާ ގެއްލުނު ސަރަހައްދުގެ 100 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި އަދިވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފި އެވެ.
ލަނޑާ ނަގަން އެރި އުޅެނިކޮށް ގެއްލިފައި ވަނީ ހދ. ކުޅުދުއްފުށީ ބޮޑުދުނބުރިގޭ އަބްދުއްރަޝީދު އަލީ (އުމުރު 32 އަހަރު) އެވެ.
އަބްދުއްރަޝީދު ހޯދަން ފާއިތުވި ހަތް ދުވަހު ހާއްސަ ސާޗް އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ނޫރައްދީން" އާ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ޢާޒީ" އާ ކުރަނގި ހެލިކޮޕްޓަރާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮސްޓްގާޑް ސްކޮޑްރަންގެ ހާބާ ކްރާފްޓް އަދި އެމްއެންޑީއެފްގެ ޑައިވަރުން ވަނީ ކަނޑުގެ މަގުންނާއި ވައިގެ މަގުން، މީހާ ގެެއްލުނު ސަރަހައްދުގެ 100 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޭނާ ޑައިވިނަށް ފޭބިއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޑައިވިންގ ސޫޓަކާއި (ނޫ ކުލައިގެ ބީސީޑީ) ކަޅު ފިންސް އަދި ފިޔާތޮށި ކުލައިގެ މާސްކެއް ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެ އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދާ އަބްދުރަޝީދު އަލީ މޫދަށް ފޭބުމަށް ފަހު މިސްރާބު ޖަހާފައި ވަނީ ގއ. ވިލިގިއްޔާ ދިމާއަށް ކަމަށް އޭނާ އާ އެކު ލަނޑާނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މީހުން މައަލޫމާތު ދީފައިވާ ކަމަށެވެ.
އޭނާ ގެއްލިފައިވާ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވެ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓް ގާޑް ނުވަތަ ފުލުހުންނާ ހިއްސާ ކުރުމަށް އެދޭ ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.