ލާމަރުކަޒީ އުސޫލާ ގުޅޭ ގޮތުން ރައްޔިތުންނާއި ކައުންސިލަރުން ހޭލުންތެރިކުރުމަށް އުފައްދައިފައިވާ އިންސްޓިޓިއުޓް އޮފް ގަވަނަންސް އެންޑް ޑެވެލޮޕްމަންޓުގެ ފުރަތަމަ ކޯސް، 45 ކައުންސިލަރުންނާއެކު އިއްޔެ ފަށައިފި އެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި ގާއިމްކޮށްފައިވާ އެ އިންސްޓިޓިއުޓުން ނެރުނު ބަޔާނެއްގައި ބުނަނީ، ފުރަތަމަ ފެށި ކޯހަކީ "ސެޓިފިކެޓް އިން ޑިވެލޮޕްމަންޓް މެނޭޖްމަންޓް" ކަމަށާއި އެ ކޯހުގައި 45 ކައުންސިލަރުންނާއި ދެ ކައުންސިލް އިދާރާއެއްގެ މުވައްޒަފުން ބައިވެރިވާ ކަމަށެވެ. އަދި އެ ކޯހުގެ މަގުސަދަކީ ގަވަނަންސާއި ތަރައްގީގެ މުހިންމު ފަލްސަފާތަކުގެ އާއްމު މައުލޫމާތު އިތުރުކޮށް، ކައުންސިލަރުންގެ މަސައްކަތަށް މުހިންމު ދާއިރާތަކުން މައުލޫމާތު ދިނުން ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެ އެވެ.

ދެ ހަފްތާގެ މުއްދަތަށް ބަނޑޮހުގައި ކުރިއަށް ގެންދާ އެ ކޯހުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ގާނޫނު އަސާސީގެ ތާރީހާއި ދައުލަތުގެ ބާރުތައް ވަކިވުމުގެ ފަލްސަފާ އާއި ދައުލަތުގެ ބާރުތަކުގެ ދައުރާއި މަސްއޫލިއްޔަތު އަދި ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި، ޑިމޮކްރަސީ އަދި އިންސާނީ ހައްޤުތަކާއި، ސިޔާސީ ނިޒާމްތަކާއި ލާމަރުކަޒީ ނިޒާމާއި ދެމެހެއްޓެނިވި ތަރައްގީއާއި ސަރަހައްދީ ތަރައްގީއާއި ފައިސާ ބެލެހެއްޓުމާ އާމްދަނީ ހޯދަން މަސައްކަތްކުރުން ހިމެނެ އެވެ.

އެ އިންސްޓިއުޓްއަކީ ކުރީގެ އެޓޮލްސް މިނިސްޓަރު އަދި ބަނޑޮހުގެ ވެރިޔާ މުހައްމަދު ވަހީދުންދީން [ޑީން]ގެ މަސްއޫލުވެރިކަމުގައި އުފެއްދެވި އިންސްޓިޓިއުޓެކެވެ.