ދެރިއަލުގެ ކަޓަމަރާންއެއްގައި ރާއްޖެ ވަށައި ބުރު ޖެހުމުގެ ދަތުރު ފައްޓާފައިވާ އަބްދުލްޣަފޫރު އަލީ (ގައްބެ)، ރާއްޖޭގެ އެންމެ ހުޅަނގަށް އަދި ވަކިން އޮންނަ އެކަހެރި ރަށުގައި ރޭ މަޑު ކުރުމަށް ފަހު ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ހއ. ތުރާކުނަށް ދިއުމަށް މިއަދު ދަތުރު ފައްޓައިފި އެވެ.

އެޓޯލް ސެއިލާގެ މެނޭޖިން ޑިރެކްޓަރު، ސިކަންދަރު ނަސުރުﷲ ކަމާލުއްދީން (ސިކު) މިއަދު ސަން އަށް ވިދާޅުވީ ގައްބެ ހދ. މަކުނުދޫ އިން ފުރީ މިއަދު ހެނދުނު 9 ޖަހާ އެހާކަންހާ އިރު ކަމަށާއި ނަމަވެސް ވަޔާއި މޫސުން އުޅޭ ގޮތް ބަލާލެވިފައި ނުވާތީ ގައްބެ އަށް ތުރާކުނަށް ފޯރާނެ ވަކި އިރެއް ވިދާޅުވުމަށް އަދި ނޭނގޭ ކަމަށެވެ.

ސިކު ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށާ ހިލާފަށް ގައްބެ އަށް މަކުނުދޫން މަރުހަބާ ކިޔީ ތަންކޮޅެއް އުމުރުން ދުވަސްވީ މީހުން ކަމަށާއި އެއީ ވެސް ގައްބެ ވަރަށް އުފާވި ކަމެއް ކަމަށާއި ނަމަވެސް ގައްބެ އަށް މުޅި ދަތުރުން ވެސް އެންމެ ބޮޑު އުފަލެއް އިހުސާސް ކުރެވެނީ ކުޑަކުދީން ގައްބެގެ ދަތުރަށް ދޭ ސަމާލުކަން ބޮޑުވުމުން ކަމަށް ސިކު ވިދާޅުވި އެވެ.

ރ. އަލިފުށީ ބީޗު

"ކުޑަކުދީން ކަޓަމަރާން އަދި މޫދުކުޅިވަރުތަކަށް ޝައުގުވެރިކަން ދޭތަން ފެނުމުން ގައްބެ އަށް ވަރަށް ބޮޑު އުފަލެއް ލިބޭ،" ރާއްޖޭގެ ކަޓަމަރާން ޗެމްޕިޔަނާ ބެހޭ ގޮތުން ސިކު ވިދާޅުވި އެވެ.

މަކުނުދޫ ބީޗު

ގައްބެގެ ދަތުރުން، ސިކު ވިދާޅުވި ގޮތުގައި، މިހާތަނަށް ވަނީ 80 ޕަސެންޓް ކަވަރު ކުރެވިފަ އެވެ. އަދި މިހާތަނަށް ޝެޑިއުލްކޮށްފައިވާ ގޮތުން ގައްބެ ތުރާކުނަށް ފަހު އެނބުރި މާލެ އަށް ކުރާ ދަތުރުގައި ދެން ދާ ގޮތަށް ހަމަޖެހިފައި އޮތީ ހދ. ކުޅުދުއްފުއްޓަށް ކަމަށާއި ނަމަވެސް އެކަން އަދި މުޅިން ނުނިމޭ ކަމަށް ސިކު ވިދާޅުވި އެވެ.

ސިކު ވިދާޅުވީ ގައްބެގެ ދަތުރުން ރާއްޖޭގެ ރީތިކަން ވަރަށް ބޮޑަށް އިޝްތިހާރު ކުރެވިއްޖެ ކަމަށާއި އަދި ގައްބެއާ އެކު ދަތުރުކުރާ އެޓޯލް ސެއިލާގެ ޓީމުން ނަގާފައިވާ ވަރަށް ގިނަ ފޮޓޯތަކާއި ވީޑިއޯތައް އަދި އާންމު ނުކޮށް ހުރި ކަމަށެވެ.