ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16ގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅުންޖެހިފައިވާ އިރު އެ މެޗަކީ ލިވަޕޫލްގެ ކޯޗު ޔޫގެން ކްލޮޕް އިންތިޒާރުކޮށްގެން ހުރި މެޗެއް ކަމަށް ބުނެފި އެވެ.

ރޭނެގި ގުރަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ އެންމެ ފަހުން ލީގްގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ބަލިވި ނަމަވެސް ކުރިއަށް އޮތް މެޗަށް ނިކުންނައިރު ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށާއި އެ މެޗަށް ނުކުންނާނީ މޮޅުވާން ކަމަށެވެ.

"އެ މެޗުން ބަލިވި ނަމަވެސް އަހަރެންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވި މެޗެއް އެއީ. އެ މެޗުގައި ލިވަޕޫލް އިން ވާނީ މޮޅުކުޅުމެއް ދައްކާފައި. މޮޅުވުން ވެސް ހައްގު މެޗެއް އެއީ،" ކްލޮޕް ބުންޏެވެ.

ގަދަ 16ގެ އެހެން މެޗުތަކަށް ބަލާ އިރު، އެތުލެޓިކޯ ބިލްބާއޯ ބައްދަލުކުރަން ޖެހޭނީ ވެލެންސިއާއާ އެވެ. ޓޮޓެންހަމް ހޮޓްސްޕާސް ނުކުންނާނީ ބްރޫޝިއާ ޑޯޓްމަންޑްއާ ދެކޮޅަށެވެ.

ގަދަ 16ގެ ފުރަތަމަ ލެގު އަންނަ މަހުގެ 10 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު ދެވަނަ ލެގު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

ޔުރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރު:
އެތުލެޓިކް ބިލްބާއޯ – ވެލެންސިއާ

ވިޔަރެއާލް - ބެޔާ ލެވަކޫސަން

ޝަކްތާ ޑޮނެސްޓްކް - އެންޑަލެކްޓް

ބަސެލް - ސެވިއްޔާ

ސްޕާޓާ ޕްރާގާ - ލާޒިއޯ

ބޮރޫޝިއާ ޑޯޓްމަންޑް - ޓޮޓެންހަމް

ފެނަބާޗޭ – ބްރާގާ

ލިވަޕޫލް - މެންޗެސްޓާ ޔުނައިޓެޑް