27 Feb 2016, 11:37
ގައުމު ތަރައްގީ ކުރުމުގައި ރައީސް ޔާމީން ހޯއްދަވާ ކާމިޔާބީތަކަށް ރައްދު ދެވޭނެ ގޮތެއް ނެތި، އިދިކޮޅު ފަރާތްތައް ގޮތް ހުސްވެފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، އިދިކޮޅު ފަރާތްތަކުން ގޮތް ހުސްވުމުގެ ސަބަބުން ކަނޑައެޅިގެން ބޮޑެތި ދޮގުތައް ހަދައި، އަބުރު ކިލަނބުކޮށްލަން ފަށާފައިވާ ކަމަށެވެ.
ނަމަވެސް އެކަމުގައި ވެސް އިދިކޮޅު ފަރާތްތައް ދަނީ ފެއިލްވަމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
Qaumu tharaggee kurumugai Raees Yameen hoadhavaa kamiyabi thakah rahdhu dheveyne gotheh idhikolhu faraithakuga nethi vanee goi husvefa (1/2)
— Dr.Mohamed Muizzu (@MMuizzu)February 27, 2016
Goi husvumun kanda elhigen bodethi dhogu thah hadhaa aburu kilanbu kollumah feshee.Mi kamugaives idhikolhu faraithah dhany fail vamun. (2/2)
— Dr.Mohamed Muizzu (@MMuizzu)February 27, 2016
މިނިސްޓަރު މުއިއްޒު އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް މިފަދަ ވާހަކަތަކެއް ދައްކަވާފައި މިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރުގައި މިނިސްޓަރު މުއިއްޒު އާއިލާއާ އެކު ނިއުޒިލޭންޑުގައި ޗުއްޓީ ހޭދަކުރައްވަން، ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު ހަރަދު ކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަތަކެއް ދައްކަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ނަމަވެސް މަސީ އިންނާއި އަދި މުއިއްޒު ވެސް ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ.
މިނިސްޓަރު ގައުމަށް އަންނަމުންދާ ތަރައްގީގެ ވާހަކަތަކަށް އަލިއަޅުވާލައްވާފައިވާ އިރު، ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު ޕްރޮޖެކްޓު ކަމުގައިވާ މާލެ-ހުޅުމާލެ ބްރިޖުގެ އަމލީ މަސައްކަތް ފެށި އެމަސައްކަތަށް ބޭނުންވާ ބޮޑު ޝިޕްމެންޓެއް ރާއްޖެ އައިސްފަ އެވެ.
ބުރިޖުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ އިރު 1.39 ކިލޯ މީޓަރު ހުންނަ އެ ބުރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބުރިޖްގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.