މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ، ވިލިމާލެ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އަނގައިގައި ހުރި ފެން، އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްގެ މޫނަށް ބުރުއްސައިލި މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް ސައުތު އޭޝިއަންސް ފޯރ ހިއުމަން ރައިޓްސް ނެޓްވޯކުން ބުނެފި އެވެ.

އިންސާނީ ހައްގުތައް ދިފާއުކުރުމަށް މަސައްކަތްކުރާ ސަރަހައްދީ ޖަމިއްޔާ އެސްއޭއެޗްއާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރޮޒޭނާ އާދަމްއަށް، މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހަމަލާ ދެއްވި ކަމަށާއި، އެ ހަމަލާ ދިނުމުގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި މި މަންޒަރުތައް ބައްލަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޑުމަޑުން އިންނެވީ ކަން އެނގޭ ކަމަށާއި، މިކަމުން ހާމަވަނީ މަޖިލީހުގެ ރައީސް މިކަމަށް ހިތްވަރު ދެއްވިކަން ކަމަށް އެ ނެޓްވޯކުން ބުނެ އެވެ.

އެ ޖަމިއްޔާ އިން އިތުރަށް ބުނީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، އަންހެން މެމްބަރުން "ރޭޕު ކުރާނެ ކަމުގެ ބިރު ދައްކާފައި"ވާ ކަމުގެ ޝަކުވާތައް އެ ޖަމިއްޔާއާއި ހިސާބަށް އައިސްފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް މީގެ މައްސަލައެއް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ތަހްގީގުކޮށްފައި ނުވާ ކަމަށެވެ.

"ސިޔާސީ ކަންކަމުގައި އަންހެނުން ބާތުވެރިކުރުވުމަކީ ހެޔޮ ވެރިކަމެއް ކުރުމުގައި މުހިންމު ކަމެއް. ޑިމޮކްރަސީގެ އަސާސުތައް ރައްކާތެރި ކުރާ، ބެލެނިވެރި ފަރާތްތަކުން މިފަދަ އަމަލުތައް ކުރުމަކީ އެފަރާތްތަކުގެ އަގު ވެއްޓުމުގެ އިތުރުން ޑިމޮކްރަސީއަށް އޮންނަ އިހްތިރާމު ނަގައިލެވޭނެ ކަމެއް،" އެ ޖަމިއްޔާއިން ބުނެފައި ވެ އެވެ.

އެ ޖަމިއްޔާއިން ވަނީ، 24 ފެބްރުއަރީ ވަނަ ދުވަހު މަޖިލީހުގެ ތަޅުމުގައި މެމްބަރު ނިހާންއާއި ރޮޒޭނާއާ ދެމެދު ހިނގައިދިޔަ ކަންތައް މަޖިލީހުން ތަހްގީގުކޮށް ބެލުމަށް ގޮވާލައިފަ އެވެ.

އެދުވަހު މަޖިލީސް ހޫނުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނަށް ގެނައި އިސްލާހަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަމުން ދިޔަ ވަގުތު އެވެ. އެ ބަހުސްގައި ރޮޒޭނާ ވަނީ، މީގެ ކުރިން ހިނގި މުޒާހަރާއެއްގައި މެމްބަރު ނިހާން ފުލުހުންގެ ބެރިކޭޑް މަތީގައި އިށީނދެ އިން މައްސަލައަކާއި، ބެރިކޭޑު މަތިން ފުންމާލާފައި ދިޔަ މައްސަލައެއްގެ ވާހަކަ ދައްކަވައިފަ އެވެ.

ރޮޒެއިނާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނިހާނު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެއްޗެއް ވިދާޅުނުވެ، ތިބެނީ އެއްޗެއް ވިދާޅުނުވެވިގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މަޑުމައިތިރި ވެގެން މަޖިލީހުގައި ތިއްބަވަނީ ދަސްވެފައި ހުރި "ޕްރިންސިޕަލުގައި" ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.

"މި އިންނެވި ކުރީގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދާމަށް ހީފުޅުވަނީ މިކަމަނާގެ އެކަންޏޭ އަނގައެއް އޮންނަނީ. ނިކަން ރަނގަޅަށް 1970ގެ ތެރެއަށް ފެއްޓިގެން އަޅުގަނޑުމެން ފައްޓަމާ ހިނގާ. ޗޮއްޕަޓު އާދަމްފުޅުން ފެށިގެން ފައްޓަމާ ހިނގާ. މީނާ އަށް މިނަމެއް ވެސް ނޫނޭ އިއްޒަތްތެރި ރައީސް ކިޔާނީއެއް. މީނާ އަށް ކިޔާނީ ރޮޒެއިނާ ޗޮއްޕަޓު. މައުމޫން އަބްދުލްގައްޔޫމް ވެރިކަމަށް އައިސް ދިވެހި ރައްޔިތުންނަށް އައިޑެންޓިޓީ ކާޑު ނުހެއްދެވި ނަމަ..." ނިހާނު ވިދާޅުވި އެވެ.

އެއަށް ފަހު ނިހާނު ވާހަކަފުޅު ކުރިއަށް ގެންދެވީ ރޮޒެއިނާ ނިޒާމީ މައްސަލަ ނަންގަވާ ނިމުމުން ނެވެ. އަދި ނިހާނު ވާހަކަފުޅު ކުރިއަށް ގެންދެވި އިރު ނިހާނުގެ ކުރިފުޅު މަތީގައި ރޮޒެއިނާ ހުންނެވި މަންޒަރު ފެނުނެވެ. އަދި އެވަގުތު ނިހާނު ފެން ކޯވަރެއް އަނގަޔަށް ނެންގެވި މަންޒަރު ފެނިގެން ދިޔަ އެވެ. ހަމައެއާ އެކު ނިހާނުގެ އަނގައިން ފެންތައް ރޮޒައިނާގެ މޫނަށް ބުރުވާލިތަން ފެނުނެވެ. އެއާއި އެކު ނިހާންގެ މޭޒުމަތީގައި ހުރި ފެންފުޅިއެއް ރޮޒޭނާ ނަންގަވައި ނިހާންގެ މޫނަށް ޖެއްސެވި އެވެ.