ޓޯކިޔޯ (ފެބްރުއަރީ 27): ފާއިތުވި ފަސް އަހަރު ތެރޭގައި ޖަޕާނުގެ އާބާދީ ވަނީ ދަށްވެފައިވާ ކަމަށް އެގައުމުގެ ބޯހިމެނުމުން ދައްކައިފި އެވެ.

އެއީ 1920ގެ ފަހުން ޖަޕާނުގެ އާބާދީ ކުޑަވި ފުރަތަމަ ފަހަރު ކަމަށް އެގައުމުގެ ރިކޯޑުތަކުން ދައްކަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހެދި ބޯހިމެނުމުން ދެއްކި ގޮތުގައި ޖަޕާނުގެ އާބާދީ ވަނީ 2010 ވަނަ އަހަރުގެ އާބާދީއާ އަޅާ ބަލާ އިރު 0.7 ޕަސެންޓް ދަށްވެފައި ކަމަށް އިންޓާނަލް އެފެއާސް އިން ނެރުނު ރިޕޯޓަކުން ދެއްކި އެވެ. އެއީ ކުރިއާ އަޅާބަލާއިރު 947،000 މީހުން މަދު އަދަދެކެވެ.

ޖަޕާނުގެ ނޭޝަނަލް ބްރޯޑްކާސްޓާ، އެންއެޗްކޭ އިން ބުނި ގޮތުގައި އާބާދީ އިތުރުވެފައި ވަނީ ޖަޕާނުގެ އަށް ސަރަހައްދެއްގަ އެވެ. އޭގެ ތެރޭގައި ވެރިރަށް ޓޯކިޔޯ ހިމެނެ އެވެ. އާބާދީ އެންމެ ދަށްވެފައި ވަނީ ފުކުޝީމާގައި އެވެ. ދެހާސް ދިހައެއްގެ އާބާދީއާ އަޅާބަލާއިރު ފުކުޝީމާގެ އާބާދީން ވަނީ 115،000 މީހުން މަދުވެފައި ކަމަށް އިންޓާނަލް އެފެއާޒްގެ ހިސާބުތަކުން ދެއްކި އެވެ.

ފާއިތުވި ގަރުނުތަކުގެ ތެރޭގައި ޖަޕާނުގެ އާބާދީ ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް، ފަހަކަށް އައިސް އާބާދީ އިތުރުވާ މިންވަރު ދަށް ވަމުންގޮސް މިހާރު އާބާދީ އިތުރުވުން ވަނީ އެއްކޮށް ހުއްޓިފައި ކަމަށް މިފަހަރުގެ ބޯހިމެނުމުން ދެއްކި އެވެ.

ޖަޕާނުގެ އުފަންވާ ރޭޓް ދަށްވުމުގެ ސަބަބުންނާއި އެގައުމަށް ހިޖުރަ ކުރާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން ޖަޕާނުގެ އާބާދީ ކުޑަވާނެ ކަމަށް އާބާދީ ދިރާސާކުރައްވާ ފަރާތްތަކުން ވަނީ މީގެ ކުރިން ވެސް ލަފާކޮށްފަ އެވެ. (ބީބީސީ)