ރައީސުލްޖޫމްހޫރިއްޔާ އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން ސްރީލަންކާއިން ރާއްޖެއަށް ގެނައި ސްނައިޕަރުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ސައުވީސް އަހަރުގެ ލަހިރު މަދުޝަންކަ ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

އޭނާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކުރީ ރޭގެވަގުތެއްގައެވެ.

ސްނައިޕަރު ރާއްޖެ ގެނައި މައްސަލާގައި ހައްޔަރުކުރި ތިން މީހުން މިދިޔަ ހަފްތާގައި ވަނީ ދޫކޮށްލައިފަ އެވެ. ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ސްނައިޕަރެއް ކަމަށް ބުނެ ފުލުހުން ހައްޔަރުކުރީ ހިކިމަސް ގަންނަން ރާއްޖެ އައި މީހެއް ކަމަށް ބުނެ ދައްކާ ވާހަކަތަކީ ހަގީގަތެއް ނޫން ކަމަށެވެ.

އުމަރު ވިދާޅުވީ ސްނައިޕަރުގެ މައްސަލަ އަކީ ވަރަށް ވަރުގަދަ މައްސަލައެއް ކަމަށާއި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.

ލަހިރު މަދުޝަންކަ ގެ އާއިލާ އިން ވަނީ އޭނާ ހައްޔަރުކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އޭނާ މިނިވަންކުރުމަށް ލަންކާ ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ފަށާފައެވެ. ނަމަވެސް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒާހިޔާ ޒަރީރު ވަނީ ސްނައިޕަރު ހައްޔަރުކުރި މައްސަލައާ ގުޅޭ ތަފްސީލީ މައުލޫމާތު ލަންކާ ސަރުކާރާ ހިއްސާ ކުރައްވައިފަ އެވެ.

ލަންކާގައި ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ލީފަލް އެފެއާޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސުނައިޕަރު ހައްޔަރުކޮށްފައި ވަނީ އޭނާ ބަންދުގައި ބަހައްޓަން އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.

ލަހިރު މަދުޝަންކަ ހައްޔަރުކުރި ދުވަސްވަރު ފުލުހުންނާއި ސިފައިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ހިބަޅިދޫ ފަޅުތެރެއިން ފުލުހުން ވަނީ ހަނގުރާމަވެރި ހަތިޔާރުތަކެއް ހޯދާފަ އެވެ.

ފުލުހުންނާއި ސިފައިން ހިބަޅިދޫން ހޯދި ހަތިޔާރުތަކުގެ ތެރޭގައި ސްނައިޕަރު ރައިފަލެއްގެ ވަޒަނަކާއި ދުރުމިއެއް ހިމެނެ އެވެ.

ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލަން ބޭނުންކުރި އެއްޗާއި ހިބަޅިދޫން ފެނުނު ހަތިޔާރަކީ ގުޅިލާމެހިފައިވާ އެއްޗެއް ކަމަށެވެ. އެހެންކަމުން ރިޔާސީ ލޯންޗުކޮޅުގެ މައްސަލައިގެ ތެރޭގައި އެ މައްސަލަ ވެސް ވަނީ ހިމަނާފައި ކަމަށް އުމަރު ވިދާޅުވި އެވެ.