ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި ސިޔާސީ ބައެއް ރެލީތަކަށް ހަމަލާދިން މީސް މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސްފައި ނުވާ ކަން، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ފާހަގަކޮށްފި އެވެ.

ރާއްޖެއާ ބެހޭ ގޮތުން އެމްނެސްޓީން އެކުލަވާލައި އާއްމުކޮށްފައިވާ އަހަރީ ރިޕޯޓްގައި ބުނެފައި ބުނެފައި ވަނީ ރެލީތަކަށް ހަމަލާދީފައި ވަނީ ފުލުހުންނާ ގުޅިގެން ހަރަކާތް ތެރިވާ ގޭންގްތަކުން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ބުނެފައި ވަނީ ނޫސްވެރިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުންނަށް މަރުގެ އިންޒާރު ދިން މައްސަލަތައް ތަހުގީގުކުރުމުގައި ވެސް ނާކާމިޔާބުވެފައިވާ ކަމަށެވެ.

"ނޫސްވެރިންނާއި އިންސާނީ ހައްގުތައް ދިފާއުކުރާ ފަރާތްތަކަށް މަރުގެ އިންޒާރު ލިބުނެވެ. އެމައްސަލަތައް ތަހުގީގުކޮށް އެކަންތައް ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ފުލުހުން ވަނީ ނާކާމިޔާބުވެފަ އެވެ،" ރިޕޯޓްގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް އަމުރުތަކުގެ ސަބަބުން ވެސް އިންސާނީ ހައްގުތައް ލިބުމަށް ހުރަސް އެޅިފައިވާ ކަމަށް އެމްނެސްޓީން ވަނީ ތުހުމަތުކޮށްފަ އެވެ. ބުނެފައި ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް އަމުރުތަކަކީ ގާނޫނެއްހާ ބާރުގަދަ އަމުރުތައް ކަމަށެވެ.

"ސުޕްރީމްކޯޓުން އަމުރުތައް ނެރެގެން ގާނޫނު ހަދާ ބާރުގެ ދައުރު އަދާކުރުން އަންނަނީ އިތުރުވަމުންނެވެ. އެފަދަ ބައެއް އަމުރުތަކަކީ ގާނޫނެއް ފަދަ ބާރު ހުރި، އިންސާނީ ހައްގުތައް ނަގައިލެވޭ އަމުރުތަކެވެ،" އެމްނެސްޓީގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ވެސް ރާއްޖޭގައި ދަނީ ނެތެމުން ކަމަށް ވެސް އެރިޕޯޓްގައި ބުނެފައިވެ އެވެ. ޝަރީއަތްތައް ކޮށްފައި ވަނީ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ކަމަށް ސަރުކާރުން ބުނި ނަމަވެސް ސަރުކާރާ އިދިކޮޅު ބައެއް މީހުންގެ ޝަރީއަތްތައް ކުރުމުގައި ނަހަމަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވެސް އެމްނެސްޓީން ވަނީ ތުހުމަތުކޮށްފަ އެވެ. އެފަދަ ބައެއް ޝަރީއަތްތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީއަތާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމުގެ ޝަރީއަތާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމުގެ ޝަރީއަތެވެ.

ޒިނޭ ކުރާ މީހުންގެ މައްޗަށް ރާއްޖޭގައި ކުރަމުން އަންނަ ހައްދު ޖެހުމުގެ ހުކުމާއި މެދު ވެސް އެމްނެސްޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކަންބޮޑުވުން ފާޅުކޮށްފައިވާ އަނެއް ކަމަކީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ފަށާނެ ކަމަށް ސަރުކާރުން ބުނެފައި ވުމެވެ.