މޫސުމަށް އަންނަ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ކުރައްވާފައިވާ މަސައްކަތްފުޅުތައް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ހޮލީވުޑް ސްޓައިލްގެ ދިގު ޑޮކިއުމެންޓަރީ ފިލްމެއް މިއަހަރުގެ ތެރޭގައި އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރާއްޖެއާ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ އެ ޑޮކިއުމެންޓަރީ އެޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރު ބާއްވާ ބައިނަލްއަޤްވާމީ ފިލްމް ފެސްޓިވަލެއްގަ އެވެ.

"ދި އައިލެންޑް ޕްރެޒިޑެންޓް" އަކީ، މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް ރާއްޖެ އިން އިސްނަގައިގެން ދުނިޔޭގެ ފެންވަރުގައި ކުރަމުންގެންދާ މަސައްކަތްތައް ދައްކައިދޭ 90 މިނިޓްގެ ޑޮކިއުމެންޓަރީ ފީޗަރ ފިލްމެ ކެވެ. މި ފިލްމު އުފައްދާފައިވަނީ، އެމެރިކާގެ ސެންފްރެންސިސްކޯގައި ޤާއިމްވެފައިވާ، އޮސްކާ އަދި އެމީ އެވޯޑް ހޯދާފައިވާ ޑޮކިއުމެންޓަރީ ފިލްމު އުފައްދާ ކުންފުންޏެއް ކަމުގައިވާ އެކްޗުއަލް ފިލްމްސްއިންނެވެ.

ދެހާސް ނުވަ ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ މޫސުމާބެހޭ ސަމިޓަށް ތައްޔާރުވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތް، އެ ފިލްމުގައި ހިމެނުމަށްޓަކައި، ވީޑިއޯ ކުރުމުގެ ހުއްދައަށް އެދި އެކްޗުއަލް ފިލްމްސްގެ ފަރާތުން ދިވެހި ސަރުކާރަށް ހުށަހެޅީ 2009 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށާއި އަންނަ އަހަރު ކުރީކޮޅު ރާއްޖޭގައި އެޅުވުމަށް ހަމަޖެހިފައިވާ އެ ފިލްމު އުފެއްދުމަށް، އެކްޗުއަލް ފިލްމްސް އިން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، 1.5 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

އެ ފިލްމުގެ ވާހަކައާއި، ފިލްމުގައި ހިމަނާނެ ބައިތައް ކަނޑައަޅައި، ފިލްމު އުފެއްދުމުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އެކްޗުއަލް ފިލްމްސް އިންނެވެ. ފިލްމު ހެދުމަށް ހިނގި ހުރިހާ ޚަރަދެއް ކޮށްފައިވަނީ، އެކްޗުއަލް ފިލްމްސްއިން، ފޯޑް ފައުންޑޭޝަނާއި، އެމެރިކަން ކޯޕަރޭޝަން ފޯ ޕަބްލިކް ބްރޯޑްކާސްޓިންގއާއި، މެކްއާތަރ ފައުންޑޭޝަނާއި، އެޓްލާންޓިކް ފައުންޑޭޝަނާއި، ސަންޑާންސް އިންސްޓިޓިއުޓް އަދި އެމެރިކާގެ ހެޔޮއެދޭ އެކި ފަރާތްތަކުން ހޯދާފައިވާ ހިލޭ އެހީގެ ދަށުންނެވެ.

މި ފިލްމާބެހޭ އިތުރު މަޢުލޫމާތާއި، މި ފިލްމްގެ ޓްރެއިލާ ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.
www.theislandpresident.com