މޮގައްދިޝޫ (ފެބްރުއަރީ 27): ސޯމާލިއާގެ ވެރިރަށް މޮގައްދިޝޫގެ ހޮޓަލަކާއި ޕާކެއް ކައިރީ އިއްޔެ ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމަލާތަކުގައި ނުވަ މީހަކު މަރާލައިފި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އަލްގައިދާއާ ގުޅުން އޮންނަ އަލް ޝަބާބުގެ ހަނގުރާމަވެރިން ސޯމާލީ ޔޫތް ލީގް ހޮޓެލް (އެސްވައިއެލް) ތެރެއަށް ވަނީ ހޮޓެލްގެ ގޭޓު ކައިރީގައި ބޮން ހަރުކޮށްފައި ހުރި ކާރެއް ގޮއްވާލައިގެންނެވެ. އެބާރުގަދަ ގޮވުމުގެ ސަބަބުން ހަމަލާދިން މީހާގެ އިތުރުން ނުވަ އާއްމުން މަރުވި ކަމަށް އޮފިޝަލަކު ވިދާޅުވި އެވެ.

ގޭޓު ކައިރީ ބޮން ގޮއްވާލުމަށް ފަހު ހަމަލާދިން ފަރާތްތަކާއި ހޮޓެލްގެ ސެކިއުރިޓީ ގާޑުންނާ ދެމެދު ހިނގި ހަމަލާ ބަދަލުކުރުންތަކުގައި ހަތަރު ހަނގުރާމަވެރިން މަރުވި ކަމަށް ފުލުހުން ބުންޏެވެ. އަދި 20 ވަރަކަށް މީހުންނަށް އަނިޔާވި ކަމަށް އެމީހުންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން ބުންޏެވެ.

އެސްވައިއެލްއަކީ ސޯމާލިއާގެ ރައީސްގެ ގެކޮޅު ކައިރީ ހުންނަ ހޮޓަލެއް ކަމުން، އެއީ ގިނަ އަދަދެއްގެ އިއްޒަތްތެރިން ޒިޔާރަތްކުރާ ހޮޓަލެކެވެ.

ދެވަނަ ހަމަލާ ދިނީ ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބި މޮގައްދިޝޫގެ މަޝްހޫރު، ޕީސް ޕާކަށެވެ.

އަލްޝަބާބުން އިއްޔެ އެހަމަލާ ދިނީ ސޯމާލިއާގެ ރައީސްގެ ގެކޮޅު ކައިރީގައި ހަމަލާތަކެއްދީ ތިން މީހަކު މަރާލިތާ އެއްދުވަސް ފަހުންނެވެ. (އަލްޖަޒީރާ)