ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "އަލީގަރް" އަކީ ވޭތުވެދިޔަ 10 އަހަރު ދުވަސް ތެރޭގައި ބެލުނު އެންމެ ރީތި ފިލްމު ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނައުތު ބުނެފި އެވެ.

އެ ފިލްމު ސްކްރީން ކުރުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ކަންގަނާ ބުނީ، "އަލީގަރް" އަކީ އިންޑިއާގެ މުޖުތަމައުއަށް ވަރަށް މުހިއްމު ފިލްމެއް ކަމަށެވެ.

"އެއީ ވޭތުވެދިޔަ 10 އަހަރު ދުވަސްތެރޭ އަހަންނަށް ބެލުނު އެންމެ ރީތި ފިލްމު. އެއީ އަހަރުމެންގެ މުޖުތަމައުއަށް ވަރަށް މުހިއްމު ފިލްމެއް. އެ ފިލްމު ނަގައިގަންނަށް އުނދަގޫވި ނަމަވެސް، ރަނގަޅަކަށް އެ ފިލްމު ބަލައިގަންނަން ޖެހޭ،" ކަންގަނާ ބުންޏެވެ.

އެ ފިލްމަށް އިތުރަށް ތައުރީފު ކުރަމުން ކަންގަނާ ބުނީ، އެ ފިލްމަކީ ޅެމެއް ފަދަ ފިލްމެއް ކަމަށެވެ. އަދި މިހާރު އޭނާ އަކީ އެ ފިލްމުގެ ޑައިރެކްޓަރު ހަންސަލް މެހެތާގެ ވަރަށް ބޮޑު ފޭނެއް ކަމަށްވެސް ކަންގަނާ ބުންޏެވެ.

"ވަރަށް ރީތި ފިލްމެއް އެއީ. ޅެމެއް ފަދަ ފިލްމެއް. އަހަންނާ އެ ފިލްމާ ގުޅޭ ގޮތުން އެ ގޮތަށް ކިތަންމެ ވަރަކަށް ވެސް ވާހަކަ ދެއްކިދާނެ..."ރަގޫން" ނިންމުމަށް ފަހު، ހަންސަލް މެހެތާ އާއެކު އަހަރެން ވަރަށް އަވަހަށް ފިލްމެއްގެ މަސައްކަތް ކުރާނަން." ކަންގަނާ ބުންޏެވެ.

އެ ފިލްމުގައި ހަރަކާތްތެރިވާ ތަރިންތަކުގެ ތެރޭގައި މަނޮޖް ބަޖްޕަޔީ އާއި ރާޖު ކުމާރު ރާއޯ ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ.