އެކި މައްސަލަތަކުގައި ބ. އަތޮޅު އޭދަފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފަހައްޓާ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެތަކެތި ނައްތާލާފައި ވަނީ ބ. އޭދަފުށީގައި ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އިއްޔެ ނައްތާލިތަކެތީގެ ތެރޭގައި ހިމެނެނީ 21 މައްސަލައެއްގައި ހިފަހައްޓާފައި ހުރި ތަކެއްޗެވެ.

އެގޮތުން 438 ފުޅި ބަނގުރަލާއި 354 ބިޔަރު ދަޅު އިއްޔެ ވަނީ ނައްތާލާފައި ކަމަށް ފުލުހުން ބުންޏެވެ.

އެ ތަކެއްޗަކީ ބ. ދަރަވަންދޫ އެއާޕޯޓަށް ފުރަންދާ އެކި ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ބަނގުރާ ފުޅިއާއި ބިޔަރު ދަޅުތަކެއް ކަމަށް ފުލުހުން ބުނެ އެވެ.