27 Feb 2016, 10:20
ދިވެހިރާއްޖެ ވެފައި ވަނީ މަޝްހޫރު އެތައް ސެލެބްރިޓީ އިން ތަކެއްގެ އެންމެ މަގުބޫލު އެއް މަންޒިލަށެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކު ވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަ ކޮށްލެވޭ ގިނަ ތަރިންތަކެއް ރާއްޖެއަށް ހިތް އުފާކޮށްލުމަށް އައިސް އުޅެ އެވެ.
މި އަހަރު ރާއްޖެ އައި އެފަދަ އެއް ތަރިއަކީ އެމެރިކާގެ މަޝްހޫރު މޮޑެލް ޕެރިސް ހިލްޓަން އެވެ. ވެލާ ޕްރައިވެޓު އައިލެންޑުގައި ހަފްތާއެއްހާ ދުވަސް ހޭދަ ކުރުމަށް ފަހު އިއްޔެ ފުރި ޕެރިސް އަށް ރާއްޖެ ވެފައިވަނީ "ޖާދޫ" އެއް ފަދަ ތަނަކަށެވެ.
ޕެރިސް ހިލްޓަން އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯއެއް. ޕެރިސް ބުނަީ ރާއްޖެ އަކީ ޖާދޫއެއް ފަދަ ތަނެއް ކަމަށް --
ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނަށް ދޫކޮށްލި ފޮޓޯތަކުގައި ވެސް އޭނާ ރާއްޖެ ސިފަކޮށްފައި ވަނީ "ސުވަރުގެ" އެއްގެ ގޮތުގަ އެވެ. ހަމައެއާ އެކު، އެ ފޮޓޯތަކުގައި އޭނާ ވަނީ ރާއްޖެއަށް އެތަކެއް ގޮތަކުން ތައުރީފު ވެސް ކޮށްފަ އެވެ.
ކޮންމެއަކަސް އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައި ޕެރިސް، ރާއްޖެ ދޫކޮށް ފުރާފައި ވަނީ ވެލާ ޕްރައިވެޓު އައިލެންޑު ހިދުމަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހި ހުރެގެން ނެވެ. އެގޮތުން ޕެރިސް އިންސްޓާގުރާމް ކުރި ފޮޓޯއެއްގައި އެ ރިސޯޓުގެ ހިދުމަތްތައް ފާހަގަކޮށް، އެ ރިސޯޓަށް ޝުކުރު އަދާކުރި އެވެ.
Thank you to everyone at@velaaisland! What a magical place! Huge thanks to athif2020 for taking…https://t.co/WEElHUe0MX
— Paris Hilton (@ParisHilton)February 26, 2016
އަދި އޭނާގެ އިންސްޓާގުރާމް އެކައުންޓު ފަޅު ފިލުވާލަދިން ފޮޓޯތައް ނެގުމުގައި ހަރަކާތްތެރިވި ދިވެހި މުވައްޒަފަކަށް ވެސް ޕެރިސް ވަނީ އިންސްޓާގުރާމް މެދުވެރިކޮށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. ހަމައެއާ އެކު، އެ ފޮޓޯ ގެ ކެޕްޝަނުގައި އޭނާ ވަނީ، އަދިވެސް ރާއްޖެ އަންނަން ކެތް މަދުވެފައިވާކަމަށް ވެސް ބުނެފަ އެވެ.
"އަނެއްކާ ވެސް އެނބުރި އަންނަން މި ހުރީ ކެތް މަދުވެފައި." ޕެރިސް އިންސްޓާގުރާމް ކުރި ފޮޓޯއެއްގެ ކެޕްޝަންއަކަށް ލިޔެފައި އޮތެވެ.
ރާއްޖެއިން ފުރަމުން އިންސްޓަގްރާމް ކުރި ފޮޓޯ އެއް. ރިސޯޓުން އޭނާއަށް ދިން ހިދުމަތާއި ރާއްޖޭގެ ރީތިކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވޭ --
ރާއްޖޭގައި ހޭދަކުރި ދުވަސްކޮޅުގައި ޕެރިސް ވަނީ، ވަރަށް ގިނަ ވީޑިއޯތަކަކާއި ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް އަޕްލޯޑު ކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ރީތި މަނަޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި، ކަނޑުގެ ދިރުންތަކާ އެކު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އޭނާ ވަނީ ސޯޝަލް މީޑިއާ ގައި އާއްމުކޮށްފަ އެވެ.