27 Feb 2016, 09:16
ދިމިޝްގު (ފެބްރުއަރީ 27) : ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރޭ އެގައުމުގެ ގަޑިން މެންދަމު ބާރަ ޖެހި އިރު ތަންފީޒު ކުރަން ފަށާފައިވާ އިރު ސޫރިޔާގެ ގިނަ ސަރަހައްދުތަކަށް ހިމޭންކަން ވެރިވެފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
އަލްޖަޒީރާ ބުނާގޮތުން ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ އެއްވެސް ފަރާތަކުން ޚިލާފުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ. މިއެއްބަސްވުމަށް އަމަލުކުރާނެކަން ސޫރިޔާ ސަރުކާރުންނާއި އިދިކޮޅު ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ. ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް މި އެއްބަސްވުމުގައި ޝާމިލް ނުވިނަމަވެސް އެ ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާ ވެސް އަދި ރަޝިޔާ ވެސް ހަމަލާތައް ދޭކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ އެމެރިކާއާއި ރަޝިޔާއިން އިއްލާންކޮށްފައިވާ އެއްބަސްވުމެކެވެ.
މިއެއްބަސްވުން ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ރޭގައި ވަނީ ފާސްކޮށްފަ އެވެ. މިގަރާރު ފާސްކުރުމަށް ބޭއްވި ކުއްލި ޖަލްސާގައި އދ. އިން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ސްޓެފަން ޑިމިސްޓޫރާ ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ސަލާމަތީ މަޖިލީހުގެ މެންބަރުންނާ މުޚާތަބު ކުރެއްވި އެވެ.
ޑިމިސްޓޫރާގެ ވާހަކާގައި މިއެއްބަސްވުމަކީ ސޫރިޔާގެ ލެއޮހޮރުވުންތަކަށް ސުލްޙަވެރި ހައްލެއް ލިބޭނެކަމުގެ އުންމީދުގެ އަލިކަމެއްކަމަށް ސިފަކުރެއްވި އެވެ. އަދި ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ސުލްޙައިގެ ވާހަކަތައް އަންނަ މާޗް މަހުގެ 7 ގައި ޖެނީވާގައި ފެށޭނެކަމަށް ވެސް ވިދާޅުވި އެވެ. (އަލްޖަޒީރާ)