27 Feb 2016, 09:13
އިންޑިއާގެ ހުޅަނގުގެ ބައެއް ސްޓޭޓުތަކުގެ ބައެއް އަވަށްތަކުގައި އަންހެނުން ފޯނު ބެނުންކުރުން މަނާ ކުރަމުން އެބަ ގެންދެ އެވެ. ހުޅަނގުގެ ގުޖުރާތު ސްޓޭޓުގެ ބައެއް އަވަށްތަކުގައި ބައެއް އަންހެނުންނާއި އަންހެން ކުދިން ފޯނު ބޭނުންކުރުން މަނާ ކުރީ، އެމީހުން ތައުލީމު އުނގެނުމަށް ހުރަސް އަޅާތީ ކަމަށް އެ އަވަށްތަކުގެ އިސްވެރިން ބުނެ އެވެ.
ރޮއިޓާރސްއާ ވާހަކަ ދެއްކި، ގުޖުރާތުގެ މެހްސާނާ އަވަށު ކައުންސިލުގެ ރައީސް ރަންޖީތު ސިންހް ތަކޮރް ބުނީ، ފޯނު ބޭނުންކުރުން މަނާކުރީ ކައިވެނި ނުކޮށް ތިބޭ އަންހެން ކުދިންނާއި، 18 އަހަރުން ދަށުގެ އަންހެން ކުދިން ކަމަށެވެ.
"ފޯނު އޮތުމުން އަންހެން ކުދިން ކިޔެވުމަކަށް ނޫޅޭ. އެމީހުން ހުސް ނުރަނގަޅު ކަންކަމާ ދިމާލަށް ދަނީ. އެކުދިން ކިޔަވައިގެން ކައިވެނި ކުރަންދެން އިހަށް މަޑު ކޮށްލާ. އެއަށް ފަހު އަމިއްލަ ފޯނެއް ހޯދާނީ. އޭގެ ކުރިން ބައްޕަ ނުވަތަ އެހެން މީހެއްގެ ފޯނު ބޭނުން ކުރެވިދާނެ ގޭގައި،" މެހްސާނާ އަވަށު ކައުންސިލުގެ ރައީސް ބުންޏެވެ.
މެހްސާނާ އަވަށުގައި ފޯނު ބޭނުންކުރުން މަނާ ކޮށްފައި ވަނިކޮށް، 18 އަހަރުން ދަށުގެ ކިޔަވާ އަންހެން ކުދިންނާއި ކައިވެނި ނުކޮށް ތިބޭ އަންހެނުން ފޯނު ބޭނުން ކޮށްފި ނަމަ، 2،100 ރުޕީސް ނުވަތަ 31 ޑޮލަރުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އިންޑިއާގެ އިރުމަތީގެ ބިހާރު ސްޓޭޓުގެ ބައެއް އަވަށްތަކުގައި ވެސް، މީގެ އަހަރުތަކެއް ކުރިން ވަނީ، އަންހެނުން ފޯނު ބޭނުންކުރުން ފާހިޝް އަމަލުތަކަށް އަރައިގަތުމަށް މަގުފަހިވާ ކަމަށް ބުނެ، އެމީހުން ފޯނު ބޭނުންކުރުން މަނާ ކޮށްފަ އެވެ.
މަސްދަރު: އަލްޖަޒީރާ