27 Feb 2016, 09:06
މިސްރަށް ހެޔޮގޮތްތައް ގެނައުމަށް އަމިއްލަ ނަފްސު ވެސް ވިއްކާލުމަށް ތައްޔާރަށް ހުންނެވި ކަމަށް މިސްރުގެ ރައީސް އަބްދުލްފައްތާހް އަލް ސީސީ ވިދާޅުވުމާ އެކު، އޭނާ ވިއްކާލުމަށް މަޝްހޫރު އޮންލައިން ވިޔަފާރި ވެބްސައިޓް އީބޭގައި ބަޔަކު އިޝްތިހާރު ކޮށްފި އެވެ.
މިސްރުގެ ގައުމީ ޓީވީ މެދުވެރިކޮށް ސީސީ ދެއްވި ވަރަށް އާދަޔާ ޚިލާފު ތަގުރީރެއްގައި އޭނާ ވަނީ، މިސްރުގެ އިގްތިސާދު ކުރިއެރުވުމަށް ތަރައްގީގެ ޕްލޭންތަކެއްގެ ވާހަކަތަކެއް ހިއްސާ ކުރައްވައިފަ އެވެ. އަދި ސީސީ ވަނީ، އޭނާގެ ވެރިކަމާ ދެކޮޅާށް ބަޔަކު މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، އެމީހުންނަށް އިންޒާރު ދެއްވައިފަ އެވެ.
އަދި ގައުމަށް ޓަކައި އަމިއްލަ ނަފްސު ވިއްކާލުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ސީސީ ވިދާޅުވި އެވެ.
ސީސީގެ މި ބަސްފުޅާށް މިސްރުގެ ގިނަ ބަޔަކު ޖޯކު ޖަހާފައިވާ އިރު، އޭނާ ވިއްކާލުމަށް އީބޭގައި ބަޔަކު ވަނީ އިޝްތިހާރު ވެސް ޖަހައިފަ އެވެ.
އީބޭގައި ޖަހާފައިވާ އިޝްތިހާރުގައި ބުނެފައި ވަނީ، ވިއްކާލަން ބޭނުންވަނީ ޕީއެޗްޑީ ހާސިލު ކުރައްވާފައި ހުރި، އަސްކަރީ ބެކްގްރައުންޑެއް ހުރި ފީލްޑް މާޝަލް ރޭންކުގެ ބޭފުޅެއް ކަމަށާއި، އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ.
މި އިޝްތިހާރު އީބޭގައި ޖެހުމާ އެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، މި މަޖާގަނޑުގައި ގިނަ ބަޔަކު ބައިވެރިވެ، ސީސީ ގަތުމުގެ ނީލަމުގައި އަގު ކިޔައި، ސީސީގެ "އަގު" 100،000 ޑޮލަރަށް ވުރެ މައްޗަށް އަރުވާފައިވެ އެވެ.
ނަމަވެސް ބުދަ ދުވަހު އީބޭއިން ފެނިގެން ދިޔަ މި ފުރައްސާރައިގެ އިޝްތިހާރު، އޭގެ އަނެއް ދުވަހު ވަނީ އީބޭ އިން ނަގައިފަ އެވެ.
މަސްދަރު: އަލްޖަޒީރާ