26 Apr 2010, 11:51
10:00
ލާމަރުކަޒީ ބިލުގައި ހިމެނޭ ޕްރޮވިންސްތަކުގެ މަފްހޫމް އުވާލުމާ ގުޅިގެން އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅުމަށް، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވަމުން ދިއްރޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރު ވިދާޅުވީ، ލާމަރުކަޒީ ބިލުގައި ހިމެނޭ ޕްރޮވިންސް ތަކުގެ މަފްހޫމް، އެ ބިލު ދިޔާސާކުރި ކޮމިޓީން އުވާލާފައިވަނީ، އެ މަފްހޫމަކީ، ގާނޫނުއަސާސީއާ ހިލާފް މަފްހޫމެއް ކަމަށް ބުނެ ކަމަށެވެ. އަދި ގާނޫނުއަސާސީ މާނަކުރުމުގެ މައްސަލަ އާއި ގާނޫނެއްގެ ސައްހަކަމާއިމެދު ސުވާލު އުފެދޭ މައްސަލައެއްގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސްޕްރީމް ކޯޓަށް ހުށަހެޅިދާނެ ކަމަށް ގާނޫނުއަސާސީ ބުނެފައިވާކަމަށް ވެސް ސަމީރު ވިދާޅުވި އެވެ. އެހެންކަމުން އެ ބިލުގައި ހިމެނޭ ޕްރޮވިންސްތަކުގެ މަފްހޫމަކީ ގާނޫނުއަސާސީއާ ހިލާފް މަފްހޫމެއްނޫން ކަމަށް ކަނޑައަލައި ދިނުމަށް އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ގަރާރެއް ފާސްކޮށްދިނުމަށް މަޖިލީހަށް ހުށަހެޅުއްވީ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ލާމަރުކަޒީ ބިލު ދިރާސާކުރުމުގެ ކަންތައް އެ ކަމާބެހޭ ކޮމިޓީން ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ކޮމިޓީގެ މަސައްކަތަކީ ބާތިލް މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ގަރާރު ހުށަހެޅުއްވުމާއި ގުޅިގެން މިގަރާރަކީ އޮޅުވާލުމަށް ހުށަހެޅުއްވި ގަރާރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި މިގަރާރު ހުށަހެޅުއްވުމުގައި ސަމީރު އިތުރުފުޅު ހައްދަވާފައިވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.