26 Feb 2016, 19:24
އޮޑިޓާ ޖެނެރަލްގެ މަގާމަށް އަލުން ބޭފުޅަކު އައްޔަންކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރަން ކުރީގެ އޮޑިޓަ ޖެނެރަލް ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ހުށަހެޅުއްވިތާ އެއް އަހަރު ފަހުން އެ މައްސަލާގައި އަޑުއެހުން ހޯމަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.
ނިޔާޒު ހުށަހެޅުއްވި މައްސަލާގައި ވަނީ އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ދުވަހުން ފެށިހެން 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާންކޮށް މަޖިލީހުން ފާސްކުރި ގާނޫނަކީ ގާނޫނު އަސާސީއާ ޚިލާފު ގާނޫނެއް ކަމަށެވެ. އެހެންކަމުން އެ ގާނޫނަކީ ބާތިލް ގާނޫނެއް ކަމަށް ކަނޑައަޅައި ދިނުމަށް ނިޔާޒު ވަނީ އެދިވަޑައިގެންފަ އެވެ.
ނިޔާޒު އެ މައްސަލަ ހުށަހެޅުއްވީ 2014 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން މިހާރު އަހަރަކާއި ގިނަ ދުވަސްތަކެއް ވެފައިވާއިރު 'ސަން' އަށް އެނގިފައިވާ ގޮތުން އެ މައްސަލަ ފެށޭ ހަފްތާގެ ހޯމަ ދުވަހު ބާއްވަން ހައި ކޯޓުން ވަނީ ނިންމާފަ އެވެ. މައްސަލަ ބާއްވަން ތާވަލުކޮށްފައިވާއިރު އޭރު އޮޑިޓް އޮފީހުގައި ހިނގާދިޔަ ކަންކަމުގެ ވާހަކަ އާއި ކޮރަޕްޝަނުގެ އަމަލުތައް ސަރުކާރުން ހިންގާ ކަމަށް ބުނެ މީޑިއާ ތަކުގައި ނިޔާޒު ވަނީ ވޭތުވެ ދިޔަ ހަފްތާގައި ވާހަަފުޅު ދައްކަވާފަ އެވެ.
ގާނޫނުއަސާސީގެ 215 ވަނަ މާއްދާ ބުނެފައި ވަނީ އޮޑިޓާ ޖެނެރަލް އައްޔަން ކުރާނީ ހަތް އަހަރު ދުވަހުގެ އެއް ދައުރަށް ކަމަށާއި އޮޑިޓާ ޖެނަރަލް ގާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ފަސް އަހަރު ނޫން ދިގު މުއްދަތަކަށް އޭނާގެ މަގާމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށެވެ.
ނިޔާޒު މަގާމުން ވަކިކުރެއްވުމަށް ފަހު އޮޑިޓަ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވީ ހ. އާހަމަ، ހަސަން ޒިޔާތު އެވެ.